ނިމިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 11.8 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ނިމިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 11.8 މިލިޔަން ރުފިޔާ ލިބިއްޖެ

ނިމިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 11.8 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.

މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓުތައް ދައްކާގޮތުން، ނިމިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ޖުމްލަ 11,853,554 ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 5,939,935 ރުފިޔާއާ އަޅާބަލާއިރު 99.5 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ މަހުގެ އާމްދަނީއާއެކު، މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު ޖުމްލަ ފައިސާގެ އަދަދު ވަނީ 17,909,069 ރުފިޔާއަށް އަރާފައެވެ. މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއަކީ އިސްލާމީ އުސޫލުތަކުގެ މަތިން ޙައްޤުވެރިންނަށް ބެހުމަށް ދައުލަތުން ބަލަހައްޓާ ފައިސާއެކެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވި ގޮތުގައި، ޑިސެމްބަރު 21 އިން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 19,527.90 ރުފިޔާ އެވެ.

މުދަލު ޒަކާތުގެ ނިސާބަށް މި ގެނެވުނު ބަދަލުގެ ކުރިން ރާއްޖޭގައި ނިސާބުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 11,191.95 ރުފިޔާއެވެ. މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ.

މިއަދު އޮންލައިން