ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، ޕޯޓް ޓަރމިނަލާއި އެންމެހާ ފެސިލިޓީތަކުގެ ޑީޓެއިލް ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިޢުލާނުކޮށްފިއެވެ. މިއީ މާލެ ސަރަޙައްދުގެ އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫޢެވެ.
މި މަޝްރޫޢުގެ ފޭސް 1 ގެ ބައެއް މަސައްކަތްތައް މިދިޔަ މަހު ޗައިނާގެ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފައިވާއިރު، މިހާރު ކުރިއަށްދަނީ "ލޯކަލް ހަރބަރ ރިލީފް ޕްރޮޖެކްޓް" ގެ ދަށުން ބަނދަރަށް ބޭނުންވާ ފެސިލިޓީތަކުގެ ޑީޓެއިލް ޑިޒައިންތައް ތައްޔާރުކުރުމުގެ މަރުޙަލާއެވެ. މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ކުންފުނިތަކަށް ވަނީ ހުޅުވާލާފައެވެ.
އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި ޑީޓެއިލް ޑިޒައިން ތައްޔާރުކުރަންޖެހޭ ތަންތަނުގެ ތެރޭގައި ޕޯޓުގެ މައި ޓަރމިނަލް، ކޮންޓެއިނަރ ޔަރޑް، އިދާރީ އޮފީސް އިމާރާތް، އަދި ކޮންޓްރޯލް ޓަވަރު ހިމެނެއެވެ. މީގެއިތުރުން ގޭޓް ކޮމްޕްލެކްސް، ވޯކްޝޮޕް، މެއިންޓަނަންސް ފެސިލިޓީ އަދި ސްޓާފް ސަޕޯޓް ފެސިލިޓީތަކުގެ ކުރެހުންތައްވެސް ތައްޔާރުކުރަންޖެހެއެވެ.
މި މަސައްކަތުގެ ތެރޭގައި އިމާރާތްތަކުގެ ސްޓްރަކްޗަރަލް އަދި އާކިޓެކްޗަރަލް ޑިޒައިންތަކުގެ އިތުރުން، ކޮންޓެއިނަރު ބަހައްޓާ ސަރަޙައްދާއި ޕޯޓުގެ މަގުތައް ތަރައްޤީކުރުމާއި ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމުގެ ޕްލޭންތައް އެކުލަވާލުންވެސް ހިމެނެއެވެ. މާލޭގައި 40 އަހަރުވަންދެން ހިންގަމުން އައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން، ބަނދަރުގެ ޖާގަ މިހާރަށްވުރެ 4 ގުނަ ބޮޑުވެގެންދާނެއެވެ.
މި މަޝްރޫޢަކީ ކުރީ ސަރުކާރުން ގުޅިފަޅުގައި ކުރިއަށްގެންދަން ނިންމާފައި އޮތް މަޝްރޫޢެއް ނަމަވެސް، މި ސަރުކާރުން ވަނީ ސިނާޢީ މަސައްކަތްތަކަށް ޚާއްޞަ ތިލަފުއްޓަށް މި ބަނދަރު ބަދަލުކުރުމަށް ނިންމާފައެވެ. މިކަމަށް ބޭނުންވާ ބިން ހަމަޖައްސައި، އެމްޕީއެލްއިން މިހާރު ވަނީ ތިލަފުށީގައި އަމަލީ ތައްޔާރީތައް ފަށާފައެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (EOI) ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އެވެ.