ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 54 ފަރާތަކަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ޖުމްލަ 20,301,517 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ލޯނު ލިބުނު ފަރާތްތަކުގެ ތަފްސީލް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، "މި ޕްރޮގްރާމް ފެށުނީންސުރެއް މިހާތަނަށް ޖުމްލަ 54 ފަރާތަކަށް ވަނީ ލޯނު ދޫކުރެވިފައި. މީގެތެރޭގައި 5 ކުންފުނި، 44 ފިރިހެން އަދި 05 އަންހެން ބޭފުޅުން ހިމެނޭ،" ކަމަށެވެ.
"ދަނޑުވެރި ނަފާ" ލޯނަކީ، އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (SDFC) އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ ގުޅިގެން ދަނޑުވެރިންނަށް އެހީތެރިވުމަށް އެކުލަވާލާފައިވާ ލޯނެކެވެ. މި ލޯނުގެ މައިގަނޑު ބޭނުމަކީ ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް މެދުވެރިކޮށް ރާއްޖޭގެ އިޤްތިސާދު ހަރުދަނާކުރުމަށް ބާރުއެޅުމެވެ.
ވަޒީރު ޑރ. މާރިޔާ އިތުރަށް ވިދާޅުވީ، މި ލޯނުގެ ދަށުން ބިމުގައި ކުރާ އާދައިގެ ދަނޑުވެރިކަމުގެ އިތުރުން، ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތައް ބޭނުންކުރުމާއި، އެގްރޮފޮރެސްޓްރީ ނުވަތަ ގަހުގެ ނާސަރީތައް ޤާއިމްކުރުމުގެ އިތުރުން ވެލިއު އެޑިޝަންގެ މަސައްކަތްތަކަށްވެސް ފައިސާ ދޫކުރެވޭނެ ކަމަށެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ ވުޒާރާގެ ދަނޑުވެރިންގެ ދަފްތަރުގައި މިހާތަނަށް 7000 އަށްވުރެ ގިނަ ދަނޑުވެރިން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން ދޫކުރަމުން އަންނަ މި ލޯނު މިހާތަނަށް ލިބިފައިވަނީ ނިސްބަތުން މަދު ބަޔަކަށްކަން ފާހަގަކުރެވެއެވެ.
މި ލޯނު ޕްރޮގްރާމަކީ ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ދަނޑުވެރި މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު ބައެކެވެ.