ރާއްޖެއަށް ބޭނުންވާ އެލައިޑް ހެލްތު ޕްރޮފެޝަނަލުން އިތުރުކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރެވޭނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 1ސ
ރާއްޖެއަށް ބޭނުންވާ އެލައިޑް ހެލްތު ޕްރޮފެޝަނަލުން އިތުރުކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރެވޭނެ: ވަޒީރު

ރާއްޖެއަށް ބޭނުންވާ އެލައިޑް ހެލްތު ޕްރޮފެޝަނަލުން އިތުރުކުރުމަށް މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ނިޒާމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭނުންވާ މިންވަރަށް ޑޮކްޓަރުންނާއި ނަރުހުން އަދި ޚާއްސަކޮށް އެލައިޑް ހެލްތު ސްޕެޝަލިސްޓުން ނުލިބުމުގެ މައްސަލަ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި ފަދައިން، 50 ތެރަޕިސްޓުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން، އިތުރު އިނާޔަތްތަކާއެކު ތެރަޕިސްޓުން ހޯދުމަށް މިހާރު ވަނީ އިޢުލާންކޮށްފައެވެ. މީގެ އިތުރުން، ޚާރިޖީ ވުޒާރާ މެދުވެރިކޮށް އަވަށްޓެރި ޤައުމުތަކާ މަޝްވަރާކޮށްގެންވެސް މިފަދަ ފަންނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއިން ދިވެހިން ތަމްރީން ކުރުމަށްޓަކައި މަތީ ތަޢުލީމާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން މިއަހަރު އިތުރު ޕްރޮގްރާމުތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުތަކުގެ ސަބަބުން މިހާރު ދިމާވެފައިވާ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ހަމައެއާއެކު، ރާއްޖޭގައި އެމްބީބީއެސް ނިންމާ ދަރިވަރުންނަށް އިންޓަރންޝިޕް ހެދޭނެ ހޮސްޕިޓަލުތައް އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ފުރުސަތު ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އިންޓަރންޝިޕް ޕްރޮގްރާމްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "މިސާލަކަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް. އެއީ މިފަދަ ޕްރޮގްރާމެއް ފެށުމަށްޓަކައި ވަކި އަދަދަކަށް ޕޭޝަންޓް ލޯޑު އެބަ ހުންނަންޖެހޭ. އެ މީހުން ދަސްކުރުމަށްޓަކައި އެކި ބަލިބައްޔަށް ފަރުވާދޭ މާހައުލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެންއެބަޖެހޭ. މި ޝަރުތުތައް ހަމަވާތަނެއްގައި ނޫނީ އަޅުގަނޑުމެންނަށް އިންޓަރންޝިޕް ޕްރޮގްރާމް ކުރިއަށް ނުގެންދެވޭނެ،" ކަމަށެވެ.

މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ދިވެހިންގެ ތެރެއިން އުފައްދައި، ޚިދުމަތުގެ ފެންވަރު މަތިކުރުން ކަމަށް ޞިއްޙީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މިއަދު އޮންލައިން