އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ވިދާޅުވެއްޖެއެވެ. މިއީ ކުރިން އާންމުކުރި ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތްކުރުމަށްފަހު އެކުލަވާލާފައިވާ ދާއިމީ ލިސްޓެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އާންމު ކުރި ވަގުތީ ލިސްޓުގައިވާގޮތުން ރާއްޖޭގައި 18 އަހަރުން މަތީގެ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. ނަމަވެސް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށްފަހު ގެނައި ބަދަލުތަކާއެކު، މިހާރު އާންމުކޮށްފައިވާ ދާއިމީ ލިސްޓުގައި ހިމެނެނީ ވަގުތީ ލިސްޓަށްވުރެ 61 މީހުން މަދު އަދަދެކެވެ.
ދާއިމީ ލިސްޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެޕްރީލް 4 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްގު ލިބެނީ 150،370 ފިރިހެނުންނަށާއި 144،506 އަންހެނުންނަށެވެ. މި ބަދަލުތަކަކީ ޝަކުވާތަކަށް ރިޢާޔަތްކޮށް، ލިސްޓު ސައްހަކުރުމުގެ ގޮތުން ގެނެސްފައިވާ ބަދަލުތަކެއް ކަމަށް އީސީން މައުލޫމާތުދެއެވެ.
މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށީގެ އިތުރުން ރިސޯޓުތަކުގައި 21 ފޮށި އަދި ޖަލުތަކުގައި 5 ފޮއްޓެވެ. ނަމަވެސް، ރާއްޖޭން ބޭރުގެ ގައުމުތަކާއި ސިނާއީ ރަށްތަކުގައި ވޯޓުލާން ރަޖިސްޓްރީވި މީހުންގެ އަދަދު މަދުވުމުގެ ސަބަބުން އެ ތަންތަނުގައި ފޮށި ނުބަހައްޓާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ޙައްގު ލިބޭ ކޮންމެ މީހަކުވެސް އެ މީހަކު ރަޖިސްޓްރީވެފައިވާ ވޯޓު ފޮށީގެ މައުލޫމާތު ކުރިއާލައި ބެލުމަށް އިލްތިމާސްކުރައްވާފައެވެ. ވޯޓުލާންޖެހޭ ފޮއްޓާއި މަރުކަޒުގެ މައުލޫމާތު، VR (space) ID card number ޖެހުމަށްފަހު 1414 އަށް އެސްއެމްއެސް ކޮށްގެން ފަސޭހަކަމާއެކު ބަލައިލެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.