ފެބުރުވަރީ މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރީ 1.27 ބިލިޔަން ޑޮލަރު: އެމްއެމްއޭ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ފެބުރުވަރީ މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރީ 1.27 ބިލިޔަން ޑޮލަރު: އެމްއެމްއޭ

މިއަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ޑޮލަރު ހުރި ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ރަސްމީ ރިޒާވާއެކު ދައުލަތުން ބޭނުންކުރެވޭ ރިޒާވަށްވެސް މި މުއްދަތުގައި ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު ފެށުނުއިރު ރަސްމީ ރިޒާވް ވަނީ އެއް ބިލިޔަން ޑޮލަރުގެ ހުރަސްކޮށްފައެވެ. ޖަނަވަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 1.03 ބިލިޔަން ޑޮލަރެވެ. އެހެންކަމުން ފެބުރުވަރީ މަހުގެ ނިޔަލަށް ރިޒާވަށް އައި ބަދަލަކީ ޖަނަވަރީ މަހާ އަޅާބަލާއިރު 23 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެމްއެމްއޭގެ ހިސާބުތަކުން އެނގެއެވެ.

ރަސްމީ ރިޒާވަށް އައި މި ކުރިއެރުމާއެކު، ބޭނުންކުރެވޭ ރިޒާވް ނުވަތަ "ޔޫސަބަލް ރިޒާވް" އަށްވެސް ވަނީ އިތުރުވުމެއް އައިސްފައެވެ. ބޭނުންކުރެވޭ ރިޒާވަކީ ރަސްމީ ރިޒާވާއި ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓްތަކުގެ ގޮތުގައި ހުރި ބޭރު ފައިސާގެ ތެރެއިން، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތައް ކެނޑުމަށްފަހު ބާކީ ހުންނަ ފައިސާއެވެ. މިއީ ދައުލަތުން ވަގުތުން ބޭނުންކުރުމަށް ހުންނަ ފައިސާގެ އަދަދެވެ.

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖަނަވަރީ މަހުގެ ނިޔަލަށް ކުރު މުއްދަތުގައި ދައްކަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތަކުގެ އަދަދު ހުރީ 1.03 ބިލިޔަން ޑޮލަރުގައެވެ. ރިޒާވް އިތުރުވުމަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަރުދަނާވަމުންދާކަމުގެ ނިޝާނެއްގެ ގޮތުގައި އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން