އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ ކުންފުންޏަކީ އެ މަސައްކަތަށް ބޭނުންވާ ޤާބިލުކަމާއި ތަޖުރިބާ ލިބިފައިވާ ކުންފުންޏެއްކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ ދުބާއީގެ ކުންފުންޏެއްކަމަށްވާ ޑެފިނިޓް ސޮލިއުޝަންސް އާއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަޖާހް ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަކީ އެ ސިޓީގެ ރައްޔިތުންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އެ މައްސަލަ ދާއިމީކޮށް ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަޖާހް އިތުރަށް ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ޤާއިމުކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް ހަވާލުކުރި ކުންފުންޏާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. "މި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަކީ، އެ މަސައްކަތަށް، ޤާބިލު ތަޖުރިބާކާރު ކުންފުންޏެއް،" ނަޖާހް ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އޭގެ ތެރެއިން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއްކަމަށް އެ ކުންފުނިން ބުނެއެވެ.