ދެއިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް: މުޙައްމަދު ޝިހާބު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 22ސ
ދެއިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް: މުޙައްމަދު ޝިހާބު

ރިޔާސީ އިންތީޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށާއި، އެ ބަދަލު ގެނައި ނަމަވެސް ގޮތް ނިންމުމުގެ ބާރު އޮންނާނީ މިހާރެކޭ އެއްގޮތަށް ރައްޔިތުންގެ އަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ. އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޝިހާބު ވަނީ އިންތިޚާބުތައް އެއްކޮށްލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ މުޙައްމަދު ޝިހާބު ވިދާޅުވީ، އެމަނިކުފާނުގެ ދިގު ތަޖުރިބާގެ އަލީގައި ގަބޫލުކުރައްވާ ގޮތުގައި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ. 1985 ވަނަ އަހަރުން ފެށިގެން 25 އަހަރަށްވުރެ ގިނަ ދުވަހު މަޖިލީހުގައި މަސައްކަތް ކުރެއްވި އިރު، އިންތިޚާބުތައް ބާއްވާނެ ތާރީޚުތަކާ މެދު މާބޮޑު ބަހުސެއް ނުކުރެވުނު ނަމަވެސް، އަބަދުވެސް މަޖިލީހުގެ ވިސްނުން ހުރީ ވީހާވެސް އަވަހަށް އިންތިޚާބުތައް ބޭއްވުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝިހާބު އިތުރަށް ވިދާޅުވީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބަށްފަހު، އޭރު ހިނގަމުންދިޔަ މަޖިލީހުގެ ދައުރު ކުރުކޮށްލައި އަލުން އިންތިޚާބެއް ބޭއްވީވެސް އިންތިޚާބުތައް އަވަސްކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ބާރު ކުޑަނުވާނެ ކަމަށާއި، އޭގެ ބަދަލުގައި އެއީ ރައްޔިތުންނަށް ލިބޭނެ އިތުރު ފުރުޞަތެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

މި ފަހުގެ އިންތިޚާބީ ތާރީޚަށް ބަލާއިރު، ރިޔާސީ އިންތިޚާބަށްފަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ރައްޔިތުން އާންމުކޮށް ވޯޓު ދެނީ އޭރު އިންތިޚާބުވެފައި ހުންނަވާ ރައީސަކު ނިސްބަތްވާ ޕާޓީއަށް ސުޕަ މެޖޯރިޓީ ދޭން ކަމަށް ޝިހާބު ވިދާޅުވިއެވެ. ނަމަވެސް ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން، ރައީސަކަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން ނޭނގި ތިބެ، ރައްޔިތުން މަސައްކަތް ކުރާނީ ގާބިލު މެންބަރުން ހޮވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިހާބު ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބާއި މަޖިލިސް އިންތިޚާބާ އެކުއެކީގައި ބާއްވައިފިއްޔާ އަޅުގަނޑު ދެކޭގޮތުގައި އެވަރަކަށް އެހެނެއް ނުދާނެ. އޭގެ ރަނގަޅު ނަތީޖާއެއް ނުކުންނާކަމަށް އަޅުގަނޑަށް ފެންނަނީ. ފްރީ އެންޑް ފެއާކޮށް ރައްޔިތުންގެ މަޖިލިސްގެ މެންބަރުންވެސް ވާދަކުރައްވާނީ ރައީސަކަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން ނޭނގި." މި ބަދަލުގެ ސަބަބުން ވަކި ފަރާތަކަށް ބުރަވުމުގެ ބަދަލުގައި، ރައްޔިތުންނަށް މިނިވަންކަމާއެކު ގޮތް ނިންމުމަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން