ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢާއި އއ. ބޮޑުފުޅަދޫ ސިއްޙީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ސަރުކާރުން ހަވާލުކޮށްފިއެވެ. މި މަސައްކަތްތައް ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ ސިއްޙީ ވުޒާރާގައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޢަބްދުﷲއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އަބްދުލްރަހްމާން ޔޫސުފްއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން، އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި މިހާރު ހުރި އޮޕަރޭޝަން ތިއޭޓަރާއި، ސީއެސްއެސްޑީ ފަދަ މުހިންމު ޚިދުމަތްތައް ހޮސްޕިޓަލުގެ އެހެން ތަނަކަށް ބަދަލުކުރެވޭނެއެވެ. ދެވަނަ ފިޔަވަހީގައި އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
އއ. ބޮޑުފުޅަދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލައިކަން ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ޤާސިމްއެވެ. ލައިކަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު އައިމަންއެވެ. މި އިމާރާތުގައި އޮފީސް، ޕަބްލިކް ހެލްތް ޔުނިޓް، ލެބޯޓްރީ، މީޓިންގ ހޯލް، ލޯންޑްރީ އަދި ސްޓޯރޭޖްގެ ޚިދުމަތްތައް ގާއިމުކުރެވޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، "މި ދެ މަޝްރޫޢަކީވެސް އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ކުރެވޭ ވަރަށް މުހިންމު މަސައްކަތްތަކެއް" ކަމަށެވެ. މި މަޝްރޫޢުތަކުގެ ސަބަބުން އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ލިބޭ ސިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ވުޒާރާއިން އުންމީދު ކުރެއެވެ.