ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެގޮސްފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ހުޅުމާލޭގައި ޓާސްކްފޯސްއިން ހިންގި މިއޮޕަރޭޝަނުގައި ޖުމްލަ 31 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދެ ބިދޭސީންނެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް އެކުލަވާލާފައިވާ "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" ގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ. މި ޓާސްކްފޯހަކީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް މިދިޔަ ނޮވެމްބަރު މަހު އުފެއްދި ޓާސްކްފޯހެކެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލައި ފާސްކޮށް، އެތަންތަނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހު ފަށާފައިވާއިރު، މިފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ޚާއްސަ ޕޯޓަލްއެއްވެސް ވަނީ ޤާއިމުކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން ޚާއްސަކޮށް ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަން ދެނެގަނެ، އެފަދަ ފަރާތްތަކާ މެދު ދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ނިމުނު އަހަރު އެކަނިވެސް އެފަދަ 150 ތަނެއް ބަލައި ފާސްކޮށް، 66 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.

މި އޮޕަރޭޝަނަކީ އިމިގްރޭޝަނާއި، ފުލުހުންނާއި އަދި ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ބައެކެވެ.

މިއަދު އޮންލައިން