ކައިވެންޏަށްފަހު އެންމެ ބޮޑަށް މުހިންމުވާ އެއްކަމެއް ފާހަގަކޮށްލާނަމެވެ.
އެއީ ކައިވެނިކުރުމަށްފަހު ދެމަފިރިންވެސް އެންމެ ބޮޑަށް ލޯބިވާންޖެހޭނީ އެކަކު އަނެކަކު ދެކެ ނަމަވެސް ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވާންޖެހޭ ވަރަށްވުރެ ބޮޑަށް އަދި އެހެން ހުރިހާ އެންމެންނާ ހުރިހާބ ކަންކަމަށްވުރެ ވެސް ބޮޑަށް ދެމީހުންވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވުން ބޮޑުކޮށް އެންމެ ބޮޑަށް ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާންޖެހޭ ސަބަބެވެ. އަދި އެކަން ޙާޞިލްކުރެވޭނެ ގޮތަށާއި އެކަމުން ކުރާނެ ފައިދާގެ ބޮޑުކަމެވެ.
ކައިވެނިކުރުމަށްފަހު ދެމަފިރިންވެސް ދެކެންވާނީ ތިމާމެން މިތިބީ އެންމެ ތިރީގައި ކަމަށާއި އެންމެ މަތީގައި ވަނީ ﷲ ތަޢާލާކަމެވެ. ދެމީހުންވެސް ބޭނުންވަނީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް ކަމަށެވެ. ދެމީހުންވެސް މިކަން ޤަބޫލުކޮށް މިކަމަށް މަސައްކަތްކުރަންޖެހޭނެއެވެ.
މިބުނި ވިސްނުމުގައި ދެމަފިރިން މަސައްކަތްކުރާނަމަ ދެމަފިރިންނަށްވެސް ދެވޭނީ ﷲ ތަޢާލާ އާއި ކުއްތަންވެވެމުންނެވެ. އަދި ﷲ ތަޢާލާ އާއި ކުއްތަންވެވޭ ވަރަކަށް ދެމީހުންގެ ލޯބިވެސް ދާނީ ގަދަވަމުންނެވެ. ގުޅުން ދާނީ ބަދަހިވަމުންނެވެ. އެއިރުން ދެމީހުންގެ މެދުގައި ޖެހޭ މައްސަލަތައް މަދުވާނެއެވެ. ބޮޑެތި މައްސަލަތައް ނުވެސް ޖެހޭނެއެވެ. ދެމަފިރިން ވަކިވުމާ ވަރިކުރުމުގެ ވާހަކަ ދައްކަން ނުވެސް ޖެހޭނެއެވެ. އިން ޝާ ﷲ
ދީނުގައި އޮތީ ތިމާގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވުމަށެވެ. ހަވާނަފްސް އެދޭ ކަންކަން ނުކޮށް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރެވޭނީ އެއިރުންނެވެ. ދެމަފިރިންވެސް އެކަމަށް ސަމާލުކަންދޭނަމަ ދެމަފިރިންގެ ހުރިހާ ކަންކަންވެސް ދާނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުންނެވެ. އުފާވެރިކަން އިތުރުވަމުންނެވެ! ޙާޞިލުނުކުރެވޭނެ އުފަލެއްވެސް ނެތެވެ. އިން ޝާ ﷲ
ސަބަބު ވަރަށް ސާފެވެ! އެބައެއްގެ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެކަމެވެ. އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގެންފި މީހަކަށް ދެރަގޮތެއް މިންވަރު ނުކުރައްވަވާނެތީއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން