ފިރިމީހާ މަސައްކަތުން އެނބުރި އައިސް ގެއަށް ވަނުމާއިއެކު އަނބިމީހާއަށް ބުނީ ދެން އެންމެ ރަނގަޅުވާނީ ތިބާ މިގެއިން ނުކުމެގެން ދިއުން ކަމަށެވެ. އެހެން ބުނެފައި ފަހަތަށް ޖެހިލިވަޤުތު ކުޑަ ދަރިފުޅު ރޮމުން އައިސް މަންމަ އާއި ސުވާލުކުރިއެވެ.
"މަންމާއެވެ! ބައްޕަ އެބުނީ މިގެއިން ނުކުމެގެން ދިއުމަށެވެ. ދާނީ ކޮން ގެއަކަށް ހެއްޔެވެ؟ ކޮއްކޮ ސްކޫލަށް ގެންދާނީ ކާކުހެއްޔެވެ؟ ކޮއްކޮއަށް ބޭނުންވާ އެއްޗެތި ހޯދައިދޭނީ ކާކުހެއްޔެވެ؟ ކޮއްކޮއަށް ދެން ބައްދާލަން ޖެހޭނީ މަންމަގެ ގައިގައި އެކަނިދޯއެވެ!"
މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! މިގެއިން ދާކަށް ނުއުޅެމެވެ. ބައްޕައަށް ހެޔޮ ވިސްނުން ދެއްވެވުން އެދިގެން މަންމަ ދުޢާކުރަމެވެ!"
ބައްޕައަކަށް ނުހުރެވުނެވެ. ދަރިފުޅު ފަދައިން ރޮމުން ބާރަށް ގޮސް ދަރިފުޅުގެ ގައިގައި ބައްދާލާފައި ބުންޏެވެ. "ބައްޕައަށް މާފުކުރާށެވެ! ދަރިފުޅުވެސް މަންމަވެސް އުޅޭނީ ބައްޕައާއިއެކު މިގޭގައެވެ."
އެރޭ ނިދަން އޮށޯވެފައި ފިރިމީހާ ބުންޏެވެ. "އުފާވެރިކަން ހޯދަން ބޭނުންވެގެން ގޯސްމަގަކުން ދުވަސްތަކެއްވަންދެން ހިނގިއްޖެއެވެ. އަހުރެންނަށް މާފުކުރާށެވެ! ތަކުރާރެއް ނުކުރާނަމެވެ. މިހުރިހާދުވަހުން ހޯދުނު އުފާވެރިކަމުގެ އެއްވެސް ބުރަދަނެއް ނެތްކަން ވިސްނިއްޖެއެވެ. ދަރިފުޅުގެ އެބަސްކޮޅުން ކުރި އަސަރު މާބޮޑުވީމައެވެ."
ކޮންމެ ދެމަފިރިއަކުވެސް ދަރިން ލިބުމުން ވިސްނާލަންވީ މިފަދަ ޙާދިސާތަކަށެވެ. ދަރިން ނިކަމެތިކުރުމުން ލިބޭނެ ހިތްދަތިކަން މާބޮޑުވާނެ ކަމެވެ. ހިތާމައަކީ ގިނަ ބައަކަށް އެކަން ނުވިސްނޭނެ ކަމެވެ.
ކޮންމެ ދަރިއަކު މިފަދަ ސުވާލުތައް ނުކޮށްފާނެއެވެ. އެހެންނަމަވެސް މަންމައާއި ބައްޕަގެ މެދުގައި މިފަދަ ކަންކަން ހިނގާނަމަ ކޮންމެ ކުއްޖެގެ ހިތުގައިވެސް އެސުވާލުތައް އުފެދޭނެއެވެ.
- ޢަޒީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް