ހެޔޮ ޢަމަލަކީ ކޮބައިކަމާއި ފާފައަކީ ކޮބައިކަން އެނގިތިބެވެސް ﷲ ތަޢާލާގެ މަގުން އެއްކިބާވެވިގެން ތިބޭބައަކު އުޅެއެވެ.
ތިރީގައިވާ ލިޔުމަކީ އެފަދަ މީހުން އިޞްލާހްވުމަށް އެހީތެރިވެދޭނެ ލިޔުމެކެވެ. އިން ޝާ ﷲ
ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް އީމާންވެ، މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ ރިސާލަތަށް އީމާންވެ، އިސްލާމްދީނުގެ ޙުދޫދުގެ ތެރެއަށް ވަނުމަށް ފަހު، އިސްލާމްދީނުގެ އިރުޝާދުތަކަށް ޢަމަލުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ.
ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖާއި، ހެޔޮކަންކަމަށް އަމުރުކުރުމާއި، ނުބައިކަންކަން ނަހީކުރުމާއި، ރަޙިމުގެ ގުޅުންތައް ދެމެހެއްޓުމާއި، މައިންބަފައިންނަށް އިޙްސާންތެރިވުމާއި، އަވައްޓެރިންގެ ޙައްޤުތަކަށް ރައްކާތެރިވުންފަދަ އެންމެހައި ކަންތައްތަކަށް ޢަމަލުކުރުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ.
ﷲ ތަޢާލާ މަޢުރިފާކޮށް ދަނެގަތުމާއި، މާތް ނަބިއްޔާ ﷺ ދަނެގަތުމާއި، އިސްލާމީ ޝަރީޢަތް ދަނެގަތުމަށް ފަހު، ދެން އޮންނާނީ މަޢުރިފާގެ މޭވާ ކަމުގައިވާ ޢަމަލު އަދާކުރުމެވެ. ޢިލްމާއި އެއްގޮތަށް ޢަމަލު ނުކުރާ މީހާގެ މިޘާލަކީ، މޭވާ ނާޅާ ގަހެއްގެ މިޘާލެވެ. ޢިލްމެއް ނެތި ޢަމަލު ކުރާ މީހަކީ މަގުފުރެދިގެންދިޔަ ނަޞާރާއިންނާ އެއްފަދަ މީހެކެވެ. އަދި ޢިލްމު އެނގި އެޔާއި އެއްގޮތަށް ޢަމަލު ނުކުރާމީހަކީ ކޯފާލެއްވި ޔަހޫދީންނާ އެއްފަދަ މީހެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ﴾[1]
މާނައީ: "ތައުރާތަށް ޢަމަލު ކުރުމަށް އަންގަވާފައިވަނިކޮށް، ދެން އެއާއެއްގޮތަށް ޢަމަލުނުކުރި މީހުންގެ މިޘާލަކީ، ފޮތްތަކެއް އުފުލާ ޙިމާރެއްގެ މިޘާލެވެ. اللَّه ގެ އާޔަތްތައް ދޮގުކުރި މީހުންގެ މިޘާލުގެ ހުރި ނުބައިކަމާއެވެ! އަދި އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވަތެވެ."
ތައުރާތުގައިވާ ޢިލްމުތައް ލިބުމަށްފަހު، އެއާއި އެއްގޮތަށް ޔަހޫދީން ޢަމަލުނުކުރުމުން، ﷲ ތަޢާލާ އެބައިމީހުން ސިފަކުރައްވާފައިވަނީ ޙިމާރުންތަކެއްގެ ގޮތުގައެވެ. އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ ﴿٢﴾ كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ ﴿٣﴾[2]
މާނައީ: "އޭއީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، اللَّه ގެ ޙަޟްރަތުގައި ނުރުއްސެވުން ބޮޑުވެގެންވެތެވެ".
މިއާތުން އެނގިގެންދާ ގޮތުގައި ޢިލްމާއި އެއްގޮތަށް ޢަމަލުނުކުރާ ޙާލު، އެވާހަކަ ދެއްކުމަކީވެސް ﷲ ތަޢާލާ ނުރުއްސަވާ ކަމެކެވެ. އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ﴾[3]
މާނައީ: "ތިމަންރަސްކަލާނގެ މަގުގައި ޖިހާދުކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، އިޙްސާންތެރިންނާއި އެކުގައިކަން ކަށަވަރެވެ".
މިއާޔަތުގައި ބަޔާންވެފައިވާ މިވާ ޖިހާދަކީ އެމީހަކަށް އެނގިފައިވާ ޢިލްމަކާއި އެއްގޮތަށް ޢަމަލުކުރުންކަމަށާއި، މަގުތަކަށް މަގު ދައްކަވާނޭ ބުނާ ބަހުގެ މުރާދަކީ އެބައިމީހުންނަށް ލިބިފައިނުވާ ޢިލްމުތައް އެބައިމީހުންނަށް ދެއްވުން ކަމަށް ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވެއެވެ[4].
ޢިލްމާއި އެއްގޮތަށް ޢަމަލުނުކުރާނަމަ އެޢިލްމެއް ވެގެންދާނީ އެމީހެއްގެ މައްޗަށްވާ ޙުއްޖަތަކަށެވެ. ޤިޔާމަތް ދުވަހުން އެސުވާލުތަކަށް ޖަވާބު ދިނުމުގެ ކުރިން އަޅާގެ ފައިތިލަ ހުރިތަނުން ގުޑުވާވެސް ނުލެވޭނެ ހަތަރު ސުވާލުގެ ތެރޭގައި، އޭނާއަށް ލިބުނު ޢިލްމުގެ މައްޗަށް އޭނާ ޢަމަލުކުރި ގޮތާއިމެދު ސުވާލުވެވުން ހިމެނޭ ކަމަށް ނަބަވީ އިރުޝާދުތަކުން އެނގިގެންދެއެވެ[5].
އަލްފުޟައިލް ބުން ޢިޔާޟް رحمه الله
ވިދާޅުވެފައިވެއެވެ: "ޢިލްމާއި އެއްގޮތަށް ޢަމަލުނުކުރާ މީހާ ވާހުށީ ޖާހިލަކު ކަމުގައެވެ. ފަހެ އޭނާ ޢިލްމަށް ޢަމަލުކުރަން ފެށުމުން ޢާލިމެއް ކަމުގައި ވެގެންދެއެވެ". ޢަމަލަކީ ޢިލްމު ހިތާއި ސިކުނޑީގައި ޘާބިތުވެ ހުރުމުގެ ސަބަބެކެވެ. އަލްވަކީޢު ބުން އަލްޖައްރާޙު رحمه الله ވިދާޅުވެފައިވެއެވެ: "ތިމަންބޭކަލުން ޙަދީޘާއި އެއްގޮތަށް ޢަމަލުކޮށްގެން، ޙަދީޘް ދަސްކުރުމަށް ވާގި ހޯދަމެވެ".
(މިއީ އިސްލާމީ ޢަޤީދާގެ އަސާސްތައް (2) ސުރުޚީގައި ޝައިޚް އަޙްމަދު ރިމާޒް ދިސަލަފިއްޔާގައި ލިޔުއްވާފައިވާ ލިޔުއްވުމެއް އެއިގެ އަބްލާއި އެއްގޮތަށެވެ.)
ލިޔުމުގެ މަޢުލޫމާތުގެ މަޞްދަރުތައް:
[1] سورة الجمعة: 5
[2] سورة الصف: 2-3
[3] سورة العنكبوت: 69
[4] تفسير ابن كثير 6/296، تفسير القرطبي 13/364
[5] سنن الترمذي: 2417