ބުނަން މިއުޅެނީ ކުރަން މާބޮޑު ކަމެއްގެ ވާހަކައެއް ނޫނެވެ.
ސަމާލުކަންދީފިނަމަ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. އެކަމަކީ ކޮންމެ ދެމަފިރިއަކުވެސް ގެއިން ބޭރުގައި މަދުވެގެން ހަފްތާއަކު އެއްފަހަރު ނަމަވެސް ދެމަފިރިން އެކަނި ވަޤުތުކޮޅެއް ހޭދަކުރުމެވެ. މައިންބަފައިންނާއި ޢާއިލާގެ މީހުންނާއި އަދި ދަރިންނާއިވެސް ވަކިންނެވެ. ހަމައެކަނި ދެމަފިރިންނެވެ.
މިގޮތުން ކުރެވިދާނެ އެއް ކަމަކީ ކޮންމެވެސް ތަނަކަށް ކާން ގޮސްލުމެވެ. އެކަމަށް ތަނަވަސްކަން ނެތްނަމަ ސައިކަލުގައި ބުރެއް ޖަހައިލެވިދާނެއެވެ. އެބުރުޖަހާލުމުގެ ތެރެއިން ކޮންމެވެސް ތަނެއްގައި އިރުކޮޅަކަށް މަޑުކޮށްލައި ވާހަކަދައްކާލަން ތިބެވިދާނެއެވެ. ސައިކަލެއް ނެތްނަމަ ހިނގާލާފައިވެސް ބޭރަށް ގޮސްލެވިދާނެއެވެ.
ބައެއް ދެމަފިރިން އެމީހުންނަށް ދެވޭވަރަކުން ދަރިން ގޮވައިގެން ބޭރަށް ދެއެވެ. އެއީވެސް ވަރަށް ރަނގަޅުކަމެކެވެ. ކުރަންޖެހޭނެވެސް ކަމެކެވެ. ނަމަވެސް އެކަމަކުންވެސް މިބުނި މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. މިބުނި ކަންތަކުގެ ފައިދާކުރާނީ ހަމަ ދެމަފިރިން އެކަނި ބޭރަށް ނުކުމެލައިގެންނެވެ.
ރަނގަޅަށް ބަލާށެވެ! ގިނަ ދެމަފިރިންގެ މެދުގައި ފޫހިކަން އިތުރުވެ މައްސަލަތައް ޖެހެނީ މާބޮޑެތި މައްސަލަތަކެއް ޖެހިގެނެއް ނޫނެވެ. މިބުނި ބާވަތުގެ ކުދިކުދި ކަންކަމަށް ސަމާލުކަން ނުދެވޭތީއެވެ. ދެމަފިރިންގެ މެދުގައި ބާއްވަންޖެހޭ ގުޅުންތަކަށް ސަމާލުކަން ނުދެވޭތީއެވެ.
ޤަބޫލުކުރަމެވެ. ބައެއް ދެމަފިރިން ކޮންމެރެއަކުހެންވެސް ބުރެއް ޖަހާލަން ނުކުމެއެވެ. އެއީވެސް ހަމަ ކުރަން ރަނގަޅު ކަމެކެވެ. އެގޮތަށް އެކަންކުރިނަމަވެސް ކިތަންމެ ކުޑައިރުކޮޅަކަށް ނަމަވެސް ތަނެއްގައި މަޑުކޮށްލައި ތިބެގެން ދެމީހުން ވާހަކަދައްކާލަންވާނެއެވެ. އެކަމުން ކުރާ ފައިދާ ވަރަށް ބޮޑުވާނެއެވެ. އިން ޝާ ﷲ
- އަލަފް / މިއަދުނޫސް