ފުރަތަމަ މިވާހަކަކޮޅު އަޑުއަހާށެވެ!
އެއީ ލޯބިވެގެން އުޅުނު ދެޒުވާނުންނެވެ. އަނަހެން ކުއްޖާގެ ކޮޓަރިއަށް ފިރިހެން ކުއްޖާ ވަނީ އަންހެންކުއްޖާގެ ދަޢުވަތަކަށެވެ. ވަދެ ދެމީހުން އެނދުގައި އިށީނެވެ. ބައްދައިވެސްލިއެވެ. ބޮސްވެސްދިނެވެ. އެކަމަކު އަންހެން ކުއްޖާ ފުންމައިގެން ތެދުވެ ބުންޏެވެ.
"އަހުރެން ތިބާއަށް ދަޢުވަތުދިނީ އެކަމަށް އަހުރެންގެ ގުނަވަންތައް އެދުނުވަރުންނެވެ. މިހެދުނީ ވަރަށް ބޮޑު ގޯހެއްކަން ވިސްނިއްޖެއެވެ. ދެން ދުވަހަކުވެސް ކައިވެނީގެ ކުރިން ހަށިގަނޑަކު ނުބީހޭނަމެވެ. އާދޭސްކޮށްފައި ބުނަމެވެ. އަހުރެންނަށް ފިރިއަކު ވަރަށް އަވަހަށް ބޭނުންވެއެވެ. އަހުރެން ދެކެ ލޯބިވާނަމަ އަވަހަށް ކައިވެނިކުރާށެވެ!"
މިހެން މިވީ ކީއްވެގެން ހެއްޔެވެ؟ އެއީ ހެޔޮލަފާ އަންހެނަކަށްވާތީ އޭނާގެ ސިކުނޑި އޭނާއަށް އެހީތެރިވީއެވެ. ފާފަކުރުމުން ދެއްވަވާނެ ޢަޛާބު ވިސްނައިދިނީއެވެ. އެހެން އެކަން މެދުވެރިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ފާފައެއް ކުރަން އުޅެވޭނަމަ އެކަން ނުކުރަން ޢޭނާއާއިއެކުގައިވާ މަލާއިކަތުން ވިސްނަވައިދެއްވަވާނެތެވެ. އެކަން ޤަބޫލުނުކުރެވި ފާފަކުރެވެނީ ޝައިޠޯނާގެ ފަޅިއަށް މާބޮޑަށް ބުރަވެފައި ތިބޭތީއެވެ.
ރަނގަޅަށް އަޑުއަހާށެވެ!
އިންސާނާ އެންމެ ލޯބިވާނީ އޭނާގެ ހަށިގަނޑުގައިވާ ގުނަވަންތައް ދެކެއެވެ. ދުލާއި ލޮލާއި އަނގައާއި ކަންފަތާއި އަތާއި ފަޔާއި މިހެންގޮސް ހުރިހާ ގުނަވަންތައް ދެކެއެވެ. އެހެންކަމާއިއެކުވެސް ފާފަކުރެވެނީ އެގުނަވަންތައް ބޭނުންކޮށްގެންނެވެ.
ފާފަކުރާއިރު އެގުނަވަންތައް އެކަން ނުހުއްޓުވަނީ އެއިރު އޭނާގެ އިޚްތިޔާރުގެދަށުގައި އެގުނަވަންތައް ލައްވަވާފައިވާތީއެވެ. ފާފަކުރުން ހުއްޓުވުމުގެ ބާރު ގުނަވަންތަކަށް ލިބިގެންނުވާތީއެވެ. ފާފަކުރާއިރު އެގުނަވަންތައް އެކަމަށް ހިތާމަކުރެއެވެ. ޤިޔާމަތް ދުވަހު މީސްތަކުންގެ ދޫ ބަންދުކުރައްވަވާފައި އެގުނަވަންތަކަށް އިޚްތިޔާރު ދެއްވެވުމުން ގުނަވަންތައް، ގުނަވަންތަކުން ކުރި ފާފަތައް ކިޔައިދެނީ އެސަބަބަށްޓަކައެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް އިންތިހާއަށް ބިރުވެތިވާ ހާލުގައެވެ.
ގުނަވަންތައް، އެގުނަވަންތައް ބޭނުންކޮށްގެން އެމީހާ ކުރި ފާފަތަކުގެ ވާހަކަ އަކުރުން އަކުރަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމުން އޭނާ އެދުވަހު ކުށްވެރިކުރާނީ ގުނަވަންތަކެވެ. ވީމާ ވިސްނާލާފައި ނިކަން ބުނެބަލާށެވެ! ބިރެއް ޖެހިލުމެއް ނެތި ތިބާ މިއަދު ފާފަތަކަށް އަރައިގަންނަމުން ތިއަދަނީ ތިބާގެ ގުނަވަންތައް އެފާފަތަކަށް އަރައިގަންނަން ބޭނުންވެގެން ތިބާއަށް އުނދަގޫކުރާތީ ހެއްޔެވެ؟ ވައްކަން ކުރަނީ އަތް އެކަމަށް ބާރުއަލާތީހެއްޔެވެ؟ ދޮގުހަދަނީ ދޫ އެކަމަށް ބޭނުންވާތީހެއްޔެވެ؟ މިހެން ކުރަމުން ގޮސް މައްސަލަ ޖެހޭ ސުވާލެއްވެސް އޮވެއެވެ. އެއީ ޒިނޭކުރަނީ ގުނަވަން އެކަމަށް ބޭނުންވާތީހެއްޔެވެ؟
މިސުވާލުކުރުމުން ބައެއް މީހުން ވަރަށް ފަސޭހައިން ޢާނއެކެވެ ބުނެއެވެ. އެއީވެސް ހެދޭ ބޮޑު ބޮޑު ދޮގެކެވެ. ތިބާ އެކަމަށް ބޭނުންވެ ހިތާއި ސިކުނޑިން އެކަމުގެ ސިގްނަލް ގުނަވަނަށް ނުދޭނަމަ ގުނަވަނަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. ގޮތްގޮތްވަނީ ހިތާއި ސިކުނޑިން ގުނަވަނަށް ސިގްނަލްތައް ދޭތީއެވެ. ވީއިރު ކުށްވެރިއަކީ ތިބާ ހެއްޔެވެ؟ ފާފަކުރަން ބޭނުންކުރާ ގުނަވަން ހެއްޔެވެ؟
ފާފަކުރެވޭ މީހުން މިކަންކަމަށް ވިސްނައިފިނަމަ ބިރުވެތިވެވި ފާފައެއް ނުކުރަން އެމީހަކަށް ކުރެވުނުގައި މަސައްކަތްތަކެއް ކުރާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން