ޢިބްރަތްތެރި ވާހަކަ: އަނބިމީހާއަށާ ދަރިންނަށް ރަޙުމް ނުކުރި މީހަކު އެހެން އަންހެނަކަށް ރަޙުމްކޮށްފާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 48ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާއަށާ ދަރިންނަށް ރަޙުމް ނުކުރި މީހަކު އެހެން އަންހެނަކަށް ރަޙުމްކޮށްފާނެތޯ؟

އަނބިމީހާ ދަރިން ނިކަމެތިކުރާ ފިރިހެނުންނާ ޖެހިލުމެއް ނެތި ޒުވާން އަންހެންކުދިން އެބަ ކައިވެނިކުރެއެވެ. އަޅުގަނޑުގެ ސުވާލަކީ އަނބިމީހާއަށާ ދަރިންނަށް ރަޙުމް ނުކުރި މީހަކު އެހެން އަންހެނަކަށް ރަޙުމްކޮށްފާނެތޯއެވެ؟  

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވަނީ ހުރިހާ އަންހެނުންވެސް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ މައްސަލައެކެވެ. އެދެނީ ތިރީގައިވާ 2 ޙާދިސާ ވިދާޅުވެލެއްވުމެވެ.  

އަޑަށް ބާރުލާފައި ދެއްކެނީ އަންހެނުންނަށް ލިބެމުންދާ އަނިޔާތަކުގެ ވާހަކައެވެ. އެކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ދަރިން ލިބުމުން ބާކީކޮށްލުމުން ދަރިންކޮޅު ގޮވައިގެން މައިންނަށް ދިރިއުޅެންޖެހޭ ނިކަމެތި ޙާލުކަން ޤަބޫލުކުރަމާ ހިނގާށެވެ!  

އެކަމަކުވެސް ވިސްނާލަންޖެހޭ ކަމެއް އެބައޮތެވެ. އެފަދަ ނިކަމެތި ޙާލު އަންހެނަކަށް ޖެހޭއިރު އެކަމުގެ ފަހަތުގައި ގިނަ ފަހަރު ހުންނަނީ އަންހެނެކެވެ. ކޮންމެވެސް އަންހެނަކު އެއަންހެނާގެ ފިރިމީހާ އާއި ލޯބީގެ ގޮތުން ގުޅޭތީއެވެ. އޭނާގެ އަނބިމީހާގެ އިތުރުން ކައިވެނީގައި ލިބިފައިވާ ދަރިންކޮޅުގެ އުފާތައް ހަމަ އަންހެނެއްގެ އަތުން ކަތިލާތީއެވެ. އެނޫން ގޮތަކަށް ދިމާވާ މައްސަލަތައް ހަމަ ވަރަށް މަދެވެ. އެހެންކަމަށްވާއިރު އަންހެނުންގެ ސަލާމަތަށް އަންހެނުން ކުރިމަތިލައިގެން ނޫނީ ޙައްލެއް ފެންނަން އެބައޮތްތޯއެވެ؟  

ތިރީގައިވާ ވާހަކަ ވިދާޅުވެލެއްވުމުން މިބުނި ބަހުގެ ހަޤީޤަތް އެނގިލައްވާނެއެވެ. އިން ޝާ ﷲ  

އަޅުގަނޑުގެ ވާހަކަ ފަށާނީ އަޅުގަނޑު ކިޔާފައިވާ ކުރު ވާހަކައަކުންނެވެ. ސަމާލުކަން ދެއްވައިގެން ވިދާޅުވާށެވެ! 

ދެމަފިރިއެކެވެ. ދަރިއަކުވެސް ވަނީ ލިބިފައެވެ. ނަމަވެސް ތަންކޮޅެއް ރީތި ޒުވާން ލޯބިވެރިއަކު ލިބުމުން އޭނާ އާއިއެކު ދިރިއުޅެން އަނބިމީހާ ވަރިކޮށްލީއެވެ. ކުއްޔަށް ހިފައިގެންއުޅުނު ގެއިންވެސް ނެރެލީއެވެ. ގެއެއް ކުއްޔަށް ހިފަންޖެހުނީވެސް ލޯބިވެރިޔާއަށް ޚަރަދުކުރާނެ ފައިސާ ހޯދަން އަމިއްލަ ބިންކޮޅު ވިއްކާލުމުންނެވެ.  

ދެމައިން މަގުމަތީގައި ސަލާންޖަހަން އުޅެނިކޮށް ބައްދަލުވާ ޒުވާން އަންހެނެއްގެ ހިތުގައި ދެމައިންގެ މައްޗަށް ހަމްދަރުދީއުފެދިގެން ކާނެއެއްޗެއް ދިނުމުގެ ބޭނުމުގެ އޭނާގެ ގެއަށް ގެންދިއައެވެ. ކާންތިބެ ސުވާލުކުރުމުން އަންހެންމީހާ އެދެމައިންނަށް ޖެހެން މެދުވެރިވި ސަބަބު އަންހެންކުއްޖާއަށް ކިޔައިދީ ނިމުނުތަނާ ގެއަށް ވަންނަނީ ދެމައިންނަށް އެހާލު ޖެއްސި މީހާއެވެ. ކުރީގެ ފިރިމީހާއެވެ.  

ފުރަތަމަވެސް ބުނީ އުޅޭތަނެއް ހޯދައިގެން އައީ ކީއްކުރަން ހެއްޔެވެ؟ ހަމަމިހާރު މިގެއިން ނުކުންނާށެވެ. އެހެން ބުނުމުން ޒުވާން އަންހެންކުއްޖާ ތެދުވީ ދެމައިންގެ ދިފާޢުގައެވެ. އޭނާ ބުންޏެވެ. "ހަމަމިހާރު ކަލޭ މިގެއިން ނުކުންނާށެވެ! އަމިއްލަ ދަރިފުޅަށާއި ދަރިފުޅުގެ މަންމައަށް މިހައި ނިކަމެތި ޙާލު ޖެއްސުވި މީހެއްގެ ހިތުގައި އެހެން އަންހެނަކަށް އޮންނާނީ ކޮން ލޯތްބެއް ކުލުނެއް ހެއްޔެވެ؟ އަހަރެންގެ ތަނަވަސްކަން ފެނުމުން އެކަމަށް ދަހިވެތިވެ ފައިސާވެރިއެއްކަން ދައްކަން އަމިއްލަ ގެވެސް ވިއްކާލި މީހަކު އަހަރެންގެ ގެ ވިއްކާލަން ވެސް ޖެހިލުމެއް ނުވާނެއެވެ! އެދެމައިން ދެން ތިބޭނީ މިގޭގައެވެ. މިހާރު އެއީ އަހަރެންގެ ދޮށީ ދައްތައެވެ. އަވަހަށް ކަލޭ މިގެއިން ނުކުންނާށެވެ!" 

އެގެއިން އޭނާ ނެރެލުމުން ވަންނާނެ ތަނެއް ނެތެވެ. ހުރި އަމިއްލަ ގެ ވަނީ ވިއްކާލެވިފައެވެ. އެހުރިހާ ކަމެއްކޮށްގެން ޙާޞިލުކުރަން އުޅުނު ކަންތައްވެސް އެދިއައީ ފޭލްވެގެންނެވެ.  

ދެން މިކިޔައިދެނީ އަޅުގަނޑަށް ކުރިމަތިވި ޙާލެވެ. އަޅުގަނޑުގެ ފުރަތަމަ ކައިވެންޏަށް 9 އަހަރުވީއިރު 3 ދަރިން ލިބިފައިވެއެވެ. އަޅުގަނޑުވަރިކޮށްލާފައި 4 މައިން ގެއިން ނެރެލީ ހަމަ ފިރިމީހާ ޒުވާންކުއްޖަކާއި ހިތާވެގެންނެވެ. ގެއިން ނެރެލުމުން ރަށުދޯނި މާލެއަންނަންދެންވެސް ބައިތިއްބާލަދިނީ އަވަށްޓެރި މުސްކުޅިއެކެވެ. އޭނާގެ ހިތުގައި އަހަރެމެންނަށް ރަޙުމް އުފެދިގެންނެވެ.  

އަޅުގަނޑުމެން ގެއިން ނެރެލި ދުވަހު އެއަންހެންކުއްޖާ ގެއަށް ގެނެސް ވެއްދީ އަޅުގަނޑުމެންގެ ކުރިމަތީގައެވެ. އެރޭ އިރާކޮޅު 3 ދަރިން ގޮވައިގެންގޮސް އެއަންހެންކުއްޖާ އާއި ބައްދަލުކޮށް ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. އެއްވެސް އަސަރެއް ނުކުރިއެވެ. ބާރަށް ދޮރުޖަހާފައި ގެއަށްވަނީއެވެ.

އަޅުގަނޑު 3 ދަރިން ގޮވައިގެން ރަށަށް އައީއެވެ. ޢާއިލާގެ އެހީތެރިކަމާއިއެކު ވަރަށް ނިކަމެތިޙާލުގައި ދިރިއުޅެނިކޮށް އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވި މީހަކާއި ކައިވެނިކޮށްގެން މިއުޅެނީ ރަށުގައެވެ. މާބޮޑުތަނަވަސްކަމެއް ނެތް ނަމަވެސް ފުދިގެންނެވެ. އިން ޝާ ﷲ  

އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ފުރަތަމަ މިކިޔައިދިނީ ބޭރު ޤައުމެއްގައި ހިނގާފައިވާ ކަމެއް ނަމަވެސް އެހާދިސާއަށް އަޅުގަނޑުމެން ވިސްނަން އެބަޖެހެއެވެ. އެނުލަފާ ފިރިމީހާއަށް އެއަންހެންކުއްޖާ އެބުނި ވާހަކަތަކަކީ އަޅުގަނޑުމެންގެވެސް ބަސްކަމުގައި ހަދައިފިނަމަ އަޅުގަނޑުމެންނަށް ލަނޑުލިބުން މަދުވާނެއެވެ. ލަނޑުދިނުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވާނެއެވެ.  

ފިރިން އަނިޔާވެރިވާ ވާހަކަ ކިތަންމެ ގިނައިން ދެއްކުމަކުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ފިރިހެނުން ލައްވައި އަނިޔާކުރުވަން އަންހެނުން ތިބޭނަމަ އަންހެނުންނަށް އަނިޔާލިބުމުން ސަލާމަތްވެވޭނީ ކިހިނަކުންތޯއެވެ؟ އުންމީދުކުރަނީ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަށެވެ!

 

- ލަޠީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން