ކުރެވޭ ކިތަންމެ ކުޑަނަމަވެސް ފާފައެއް ކުރުން ހުއްޓާލަން އެހައިބޮޑަށް އުނދަގޫވަނީ ކީއްވެގެން ހެއްޔެވެ؟
ޖަވާބަކީ ޝައިޠޯނާ އެކަމަށް ހުރަސް އަޅާތީއެވެ. އެކަމަކު ކުރެވޭ ކިތަންމެ ކުޑަނަމަވެސް ފާފައެއް ކުރުން ހުއްޓާލައިފިނަމަ ލައްވަވާނެ ރަޙްމަތް އެނގޭހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި ކުރެވޭ ކިތަންމެ ކުޑަނަމަވެސް ފާފައެއް ކުރެވުން ހުއްޓާލައިފިނަމަ އެމީހަކަށް ފައިދާކުރާނެ އެތައް ކަމަކަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވަވާނެތެވެ.
ކުރެވޭ ކިތަންމެ ކުޑަނަމަވެސް ފާފައެއް ކުރުން ހުއްޓާލައިފިނަމަ އެއީ ސުވަރުގެ ވައްދަވާނެ ސަބަބެކެވެ. އިން ޝާ ﷲ. ވީމާ ބަލަންވީ އެފާކުރުން ހުއްޓާލަން އުފުލަންޖެހޭ ބުރައަކަށް ނޫނެވެ. ސުވަރުގެ ވެއްދެވުމުން އެއްވެސް އިމެއް ނެތި އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް އޮއްސަވަމުން ގެންދަވާނެ ކަމަށެވެ.
ވީމާ އަހުރެންގެ އާދޭހަކީ ކުރެވޭ އެންމެ ފާފައެއް ނަމަވެސް ކުރުން ހުއްޓައިލުމެވެ. އަދި އެންމެ ހެޔޮކަމެއް ނަމަވެސް އިތުރަށް ކުރަން ފެށުމެވެ. ދުޢާއަކީ އެކަމުގެ ސަބަބުން ތިބާ ސުވަރުގެ ވެއްދެވުމެވެ. އާމީން
ހިނގަމުން މިދަނީ ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކެވެ. ހިތްވަރުކޮށްލާފައި މިބުނި މަގުން ޢަމަލުކުރަން މަސައްކަތްފަށާށެވެ. މިއީ ސުަވރުގެ ލިބިގަތުމަށް އޮތް އެންމެ ފަހި ފުރުޞަތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން