ފައިސާގެ ދަހިވެތިކަމުގަ ތިމާއާ ގުޅޭ މީހުން ލަނޑުދިނީމާ ދެރަވެ ޝަކުވާކުރުމަކުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ފައިސާގެ ދަހިވެތިކަމުގަ ތިމާއާ ގުޅޭ މީހުން ލަނޑުދިނީމާ ދެރަވެ ޝަކުވާކުރުމަކުން ކުރާނެ ފައިދާއެއް ނެތް!

ޒަވާޖީ ޙަޔާތެއްގައި އުޅެމުން ސިއްރުން ހިލޭ މީހުންނާ ގުޅޭ އަދި ގުޅިގެން އުޅޭ މީހުން ދަންނަންޖެހޭނެ އެއްކަމަކީ އެކަން އަބަދު ސިއްރުވެފައި ނުއޮންނާނެ ކަމެވެ. ފަޅާއަރާނެ ދުވަހެއް އަންނާނެކަމެވެ. ޚާއްޞަކޮށް ތަނަވަސް މީހުން މިފަދަ ކަންކަން ކުރާއިރު ވަކިން ބޮޑަށް ވިސްނަންވާނެއެވެ.  

އެކަމަކު ގިނަ ފަހަރަށް އޮންނަނީ ވިސްނައި ނުލެވިފައެވެ. އަނެކާ ތިމާއާއި އެގުޅުނީ ތިމާގެ ސިފަރީތިވެގެން ނުވަތަ ލޯބިން ނޫންކަމާއި ތިމާގެ ކިބައިހުރި ތަނަވަސްކަމުގެ ދަހިވެތިކަމުގައިކަން އޮންނަނީ ޤަބޫލުނުކުރެވިފައެވެ. 

އެފަދަ މީހަކަށް އޭނާ ބޭނުންވާ ވަރަށް ފައިސާދޭހައި ދުވަހަކު ސިއްރުކޮށްގެން މަޑުން ހުރެދާނެއެވެ. އެގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ތިބާ ފަޟީޙަތްކޮށްލުން، ބްލެކްމޭލްކުރުން، އަދި ޒަވާޖީ ޙަޔާތުގައި މައްސަލަޖެއްސުވުންވެސް ހިމެނެއެވެ.  

އެޙާލަތުގައި އެމީހަކު ކުށްވެރިކުރުމެއް ނެތެވެ. ފައިސާއަށް ނަފްސްވިއްކާ ދަށުދަރަޖައިގެ މީހަކާއި ގުޅޭއިރު އޭނާ ކުރާނީވެސް ދަށުދަރަޖައިގެ ކަންކަން ކަންތައްތައްކަން ތިބާއަށް ނުވިސްނުނުކަން އެއީ ތިބާގެ ކުށެވެ. ވީމާ އޭނާ ދެކެ ރުޅިއައިސް އޭނާކުށްވެރިކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.  

މިބުނި ފަދައިން ސިއްރުން މީހުންނާއި ގުޅޭ ފިރިހެނުން ތިބޭފަދައިން އަންހެނުންވެސް ތިބެއެވެ. ގިނަވާނީ ފިރިހެނުން ކަމަށްވުމަކީ އަންހެނުންވެސް އެބާވަތުގެ ކަންކަން ނުކުރުމެއް ނޫނެވެ. ވީމާ މިބަސްކޮޅު އަމާޒު މިކުރީ ވަކިމީހަކަށް ނޫނެވެ. ދެބައި މީހުންނަށެވެ.

އަހުރެންގެ ނަޞޭޙަތަކީ ކައިވެނިކުރުމަށްފަހު އެކަކުވެސް އެއްވެސް ވަރަކަށް ޚިޔާނާތްތެރިނުވުމެވެ. އަނެކާއަށް ވަފާތެރިވުމެވެ. ކައިވެނީގައި ވެވޭ އެންމެ ބޮޑު އަހުދަކީވެސް އެކަކު އަނެކަކަށް އަޅާލައި ވަފާތެރިވުންކަމަށްވާއިރު ހަމައެކަކުވެސް އެކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައި ނުލާށެވެ! އުފާވެރިކަން އިތުރުވެ ކައިވެނީގެ ފޮނިމީރުކަން ދެމިއޮންނާނީ އެއިރުންނެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން