ޢިބްރަތްތެރި ވާހަކަ: ދެއަނބިންނަށް ދަރިން ލިބުނުއިރުވެސް ދެއަނބިން ތިބިކަން ސިއްރުކޮށްގެން އުޅުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 10ސ
ޢިބްރަތްތެރި ވާހަކަ: ދެއަނބިންނަށް ދަރިން ލިބުނުއިރުވެސް ދެއަނބިން ތިބިކަން ސިއްރުކޮށްގެން އުޅުނު މީހެއްގެ ވާހަކަ-

މިބާވަތުގެ ހާދިސާއެއްގެ ވާހަކަ އެނގޭއިރަށް "އެއުޅެނީ ދެއަންތބަށް ކައިވެނިކުރަން ހުރަސްއަޅަން" ކަމަށް ބުނާ ބައަކު އުޅެއެވެ.

އެކަމަކު ޙަޤީޤަތަކީ އެއީއެއް ނޫނެވެ. މައްސަލައަކަށް ވެގެން މިއުޅެނީ އަނބިމީހާއަށް އޮޅުވާލުމުގެ ތެރެއިން ބޮޑެތި ދެރަ ދޭކަމެވެ. ދެއަންތބަށް ކައިވެނިކުރަން އޮތް ރަނގަޅު ގޮތުގައި ކައިވެނިނުކޮށް އޮޅުވާލުމުގެ ތެރެއިން ކަންކަން ކުރާ ބައަކު އުޅޭކަމެވެ.  

އޮޅުވާލުމުގެ ތެރެއިން 2 އަނބިން ގެންގުޅުމުގެ މައްސަލަތައް މިދަނީ އިތުރުވަމުންނެވެ. ކޯޓުތަކުން ކިތަންމެ ރަނގަޅު ޤަވާޢިދުތަކެއް ހަދާފައި ހުރިނަމަވެސް އެގޮތް މިގޮތުން ކަންކަން އޮޅުވައިލާކަމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.  

ބޭނުމީ އެކަންކަމުގެ ތަފްޞީލަށްދާކަށް ނޫނެވެ. އެނގިހުރެ، ލޯބީގެ އަވާގައި ޖެހިގެން ނުބައި މީހުންނާއި ކައިވެނިި ނުކުރަން ބުނުމެވެ. ލޯތްބަކީ ކަނު އެއްޗަކަށް ނުހަދައި އެއީ ހަރުދަނާ ދިރިއުޅުމުގެ ބިންގާކަމަށް ހަދަން މަސައްކަތްކުރަން ބުނުމެވެ.  

ޤަބޫލުކުރަންވީ ތިމާގެ ސަލާމަތް ހޯދުމަކީ ތިމާގެ ކަމެއްކަމެވެ. ތިމާ އެކަން ނުކޮށްފިނަމަ ފަހުން ކުރިމަތިވާ ކަންކަމުން ތިމާ ސަލާމަތްކުރުމަކީ އެހެން ބައަކަށް ފަސޭހަކަމަކަށް ނުވާނެއެވެ. އަދި ބައަކު އެހީތެރިވިނަމަވެސް ހުރިހާ ދެރައެއް ލިބޭނީ ތިމާއަށް ކަމެވެ.  

ތިރީގައިވާ ވާހަކައިން ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަހަރެންވެސް ކައިވެނިކުރީ ހަމަ ވަރަށް ފޮނި އުންމީދުތަކަކާއެކުގައެވެ. އެއީ އުފާވެރި ފިރިއުޅުމަކަށްޓަކައި ކޮންމެ އަންހެނަކުވެސް ކުރާނެ އުންމީދުތަކެވެ. ކައިވެންޏަށްފަހު ފިރިމީހާ ބޭނުންވީ ވަގުތުން ދަރިއަކު ހޯދުމަށެވެ. ނަމަވެސް އެކަން އެހައި ފަސޭހަކަމަކަށް ނުވިއެވެ. ދަރިއަކު ހޯދުނީ 2 އަހަރެއްހައި ދުވަހު ޑޮކްޓަރުން ކޮށްދިން މަސައްކަތަށްފަހުގައެވެ.

ދަރިއަކު ލިބުމުން ފިރިމީހާގެ އުޅުމަށް ހެޔޮ ބަދަލުތަކެއް އައުމުގެ ބަދަލުގައި ކަންކަން ދިއައީ ގޯހުން ގޯހަށެވެ. ދެމައިންކުރެ އެކަކާއިވެސް އަޅައެއް ނުލައެވެ. އަބަދުހެން އުޅެނީ ބޭރުގައެވެ. އަބަދުވެސް ހުންނަނީ ކޮންމެވެސ ކަމަކާއިހުރެ ރުންކުރުވެފައެވެ. ދުލުން ހަރުކަށި، އަދި ނުބައިބަސްތައް ބުނުން މާގިނަވިއެވެ.  

އެޙާލަތަށް ކަންކަން ދިއުމުން ދަރިއަކު ހޯދުނުކަމަށްޓަކައި ހިތާމަކުރަންފެށުނެވެ. ސަބަބަކީ ދަރިއަކު ހޯދަން ކުރަންޖެހުނު މަސައްކަތްތަކުގެ ސަބަބުންނާއިއެކު ވިހެއުމަށްފަހު ސިފަ ފުދޭވަރަކަށް ބޮޑަށް ބަދަލުވިއެވެ. އަދި އަހަރެންގެ ޢާއިލާއަކީ ފަޤީރު ޢާއިލާއަކަށްވުމުން ވަރިވިނަމަވެސް އެކަނި ދަރިފުޅުބެލުމުގެ މައްސަލަ ބޮޑުވާނެތީއެވެ.  

ކޮންމެއަކަސް މިކަންކަމުގެ ވިސްނަން ހުއްޓައި ގާތް އެކުވެރިއެއްގެ ކިބައިން އެނގުނީ ފިރިމީހާ އެހެން އަންހެނަކުވެސް ގެންގުޅޭކަމެވެ. އޭނާގެ އެޑްރެސް އެނގުމުން އެއްދުވަހު ދަރިފުޅު ގޮވައިގެން ގޮސް އޭނާ އާއި ބައްދަލުކުރީމެވެ. އަދި ކުޑަކުޑަ ދަރިފުޅަށްޓަކައިވެސް ދެމަފިރިންގެ ދެމެދަށް ނުވަދެ ހުއްޓާލަދިނުން އެދުނީމެވެ.  

އޭނާ ހުރި އަދި މާބޮޑަށް ޙައިރާންވެފައެވެ. އެއީ އޭނާ އާއި އަހަރެންގެ ފިރިމީހާގެ ކައިންވެންޏަށް ލިބުނު ދަރިފުޅަށް 3 އަހަރު ފުރިފައިވާތީއެވެ. ދެމީހުން ވަރަށް ދެރަވެ ދެން ހަދާނެ ގޮތަކާއިމެދު ވާހަކަދައްކަން ތިއްބާ ފިރިމީހާއަށް އެތަނަށް އާދެވިއްޖެއެވެ. ހުރިހާ ކަމެއް ފަޅާއަރައިފިކަން އެނގުމުން އޭނާގެ އަޞްލު ސިފަ ދައްކާލައިފިއެވެ. ދުލުން ނުބައިބަސްތައް ބުނަން ފަށައިފިއެވެ.  

އޭނާއަށް ގޯސްވީ އަޅުގަނޑު އެގެއަށް ދިއުމެވެ. ދެމީހުން ބައްދަލުކުރުމެވެ. އޭނާ ބުނީ އޭނާ ދެމީހުންނަށްވެސް އޮޅުވާލައިގެން އުޅެނީ އަހަރެމެން ދެމީހުންނަށް ފައިދާއަކަށް ކަމަށެވެ. އެވަގުތު އަޑުވެގެންދިއުމުން އެއަނބީގެ ބައްޕަ ނުކުމެ ކަންކަން ވެގެން އުޅޭގޮތް އޮޅުން ފިލުވުމަށްފަހު ބުންޏެވެ.  

"މީގައި އަހަރެން ކުށްވެރިކުރާނީ އަހަރެންގެ ދަރިފުޅެވެ. އެއީ މިކަލޭގެއަކީ ލަފާމީހެއް ނޫންކަމަށާއި މަކަރުވެރިއެއްކަން އެތައް ގޮތަކުން ވިސްނައިދިނުމުންވެސް ކައިވެނިކުރީތީއެވެ. ނަމަވެސް އެކަން އެއޮތީވެނިމިފައެވެ. ކިތަންމެ ބަސް ޤަބޫލުނުކުރިނަމަވެސް ދަރިފުޅުވާނީ ދަރިފުޅަށެވެ. ދެންވެސް ބައްޕަ ބުނާގޮތެއް ހަދާނެނަމަ ދެއަންހެނުންވެސް ވަރިވާށެވެ. މިގެއަށް ކުޑަކުދިން ގިނައެއް ނުވާނެއެވެ. ތިއަދެމައިންވެސް މިގޭގައި އަހަރެންގެ ބެލުމުގެ ދަށުގައި ތިބޭށެވެ. އެއިރުން މިގޭ "ބޮސް"، ކާފަދަރިފުޅާއެކު ކުޅެން ކުއްޖަކުވެސް ލިބުނީނޫންހެއްޔެވެ؟  

އެބައްޕަ ހިތްވަރުދިނުމުން އަހަރެން ވެސް އެވަގުތުން ފެށިގެން އެގޭގައި މަޑުކުރީއެވެ. އެއަނިޔާވެރި މަކަރުވެރިޔާގެ ގެއަށް ހިނގައްޖެނަމަ ނުކުތަވެސް ނުދޭނެތީއެވެ. ކުރާނެ އަނިޔާތަކަށް ކެތްނުކުރެވޭނެތީއެވެ. އެވަރުންވެސް ވަރިނުކުރަން ވަރަށް ހިފެހެއްޓިއެވެ. އެންމެފަހުން ވަރިކުރީ އެބައްޕަ އޭނާގެ ފަހަތުން ހިނގައިގެންނެވެ.  

މިހާރު މިއީ އެއިގެ 5 އަހަރު ފަހެވެ. ދެ އަންހެނުންވެސް މިތިބީ ބައްޕަ ދެއްކި 2 ފިރިހެނުންނާ ހަމައެއްރެއަކު ކައިވެނިކޮށްގެންނެވެ. ހަމަ ބައްޕަގެ ގާތުގައެވެ. އެބައްޕަ އެގޮތް ބޭނުންވާތީއެވެ. އަހަރެންގެ ފިރިމީހާގެ ކިބައިގައި އަހަރެން ބެލެހެއްޓޭނެ ފެންވަރު އެބަހުއްޓެވެ. ވަކިން އުޅެންވެސް ބޭނުންވެއެވެ. ނަމަވެސް އެބައްޕަ ނުބުނާ ގޮތަކަށް ދެން އެއްވެސް ކަމެއް ކުރާކަށް ނެތީމެވެ. އެއީ ވަރަށް އާދައާ ޚިލާފް ބައްޕައެވެ.  

އަހަރެންގެ މިވާހަކަކޮޅުގައި މިއަދުނޫހުގެ ކިޔުންތެރިންގެތެރޭގައި ތިބި އަންހެނުންނަށާއި ފިރިހެނުންނަށްވެސް ފިލާވަޅުތަކެއްވާނެއެވެ. ލިބިގަންނާށެވެ! ވަރިނުކޮށްގެން ކޯޓަށް ދެއަންހެނުން ދުވި ދުވަސްވަރު ބައްދަލުވި އެތައް އަންހެނެއްގެ ކިބައިން އެނގުނީ އަހަރެމެންނަށް މިޖެހުނީ އައުކަމެއް ނޫންކަމާއި އެއީ މިއަދު ހަމަ ޢާންމުކަމަށްވެފައިވާ ކަމެއް ކަމަށެވެ.  

އެހެންކަމަށްވާއިރު މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެއް ނޫންތޯއެވެ؟ އަންހެނުންގެ ޙައްޤުތައް ހޯދައިދޭން ވަކާލާތކުރާކަމަށް ބުނާ ފަރާތްތަކުން މިފަދަ މަކަރުވެރި ފިރިހެނުންގެ ފޮޓޯއާއި ވަނަވަރު ހާމަކުރަން ބިރުން ފަސްޖެހިފައި އެތިބެނީ ކީއްވެގެންކަމެއް ނުވިސްނެއެވެ.

 

- މާޖިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން