ކައިވެނީގެ އެންމެ ބޮޑު ބޭނުނަމަކީ ދެމަފިރިން އެކުގައި ސުވަރުގެ ދިއުން ކަމަށް މުސްލިމުން ޤަބޫލުކުރާނެއެވެ. ކައިވެނިކުރަނީ އެކަން ޤަބޫލުކޮށްގެން ތިބެއެވެ. ދެން ބަލައިލަންވީ ސުވަރުގެދާން ކުރާ މަސައްކަތަށް ހަޔާތުގެ ބައިވެރިޔާ މުހިންމުވާ ސަބަބަށެވެ.
މިބުނަނީ ސުވަރުގެދާން ކުރާ މަސައްކަތަށް ހަޔާތުގެ ބައިވެރިޔާ މުހިންމުވާ ސަބަބެވެ. އެސަބަބަކީ ކޮންމެ މީހަކީވެސް ވަރުބަލިވާނެ މީހެކެވެ. ކަންނެތްވެސް ވާނެ މީހެކެވެ. ނަތީޖާއަކަށްވާނީ އަޅުކަން ކުރުމުގައި ހުއްޓުން އެރުމާއި ފަސްޖެހެވުމެވެ.
މިބުނި ޙާލަތުގައި އަނެކާ ކަންނެތްވިޔަނުދީ ހީވާގިވުމަށް ބާރުއަޅާނެ މީހަކަށް ބޭނުންވާނެއެވެ. އެފަދަ މީހަކަށް ބޭނުންވާ ވަޤުތުތަކުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޮރުކޮށްދެވޭނެ މީހަކީ ޙަޔާތުގެ ބައިވެރިޔާއެވެ. މިޘާލަކަށް ބުނާނަމަ ރޭއަޅުކަންކުރަން ހޭލަން ކަންނެތްވާ ރޭތަކުގައި އަތުގައި ހިފައި ތެދުކުރަން އެންމެ ފަސޭހަވާނީ ބައިވެރިޔާއަށެވެ. ގައިގައި ކޮށްޓައިގެންވެސް، އަތުގަހިފާ ދަމައިގެންވެސް، ލޮލަށް ފެންޖަހައިގެންވެސް ހޭލުއްވަވަން އެންމެ ފަސޭހަވާނީ ޙަޔާތުގެ ބައިވެރިޔާއަށެވެ. އެހެން ޢިބާރާތަކުން ބުނާނަމަ އަޅުކަންކުރަން ހުއްޓުން އެރުމުން ކޮއްޕައި އަޅުކަން ކުރުމާއި ދިމާއަށް ގެންދުވަން އެންމެ ފަސޭހަވާނީ ޙަޔާތުގެ ބައިވެރިޔާއަށެވެ.
އަހުރެން މިދައްކަނީ ހެޔޮލަފާ ބައިވެރިއެއްގެ ވާހަކައެވެ. ތަޅާފޮޅާ، އަނިޔާވެރިވާ، ދުލުން ނުބައިބަސްބުނާ، މަސްތުވާ އަދި އެނޫންވެސް ނުބައި ޢަމަލުތައްކުރާ މީހުންގެ ވާހަކައެއް ނޫނެވެ. ބައިވެރިޔާއަކީ އެފަދަ މީހަކު ކަމުގައި ވެއްޖެނަމަ ކަންކަން ކުރިމަތިވާނީ އަނެއްކޮޅަށެވެ. އެފަދަ މީހާގެ ސަބަބުން ތިމާގެ އާޚިރަތަށްވެސް ލިބޭނީ ގެއްލުމެވެ.
އުންމީދުކުރަނީ މިބުނެދެވުނު ވަރުންވެސް ސުވަރުގެދާން ކުރާ މަސައްކަތަށް ހަޔާތުގެ ބައިވެރިޔާ މުހިންމުވަނީ ކީއްވެގެންކަން ބުނެދެވިއްޖެ ކަމަށެވެ.
- މަޢުލުމާތު: އުސްތާޛާ ހީނާ ޚާން މުޚްތާރުގެ ދަރުސަކުން