މިއުންމަތުގެ މީހުންގެ ތެރެއިން ބޮޑެތި ފާފަތައް ކުރެވުނު މީހުންނަށް ނަރަކައަށް ވަންނަން ޖެހުމުން ބުނާނެ ބަހާ މާލިކްގެފާނު ދެއްވަވާނެ ޖަވާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
މިއުންމަތުގެ މީހުންގެ ތެރެއިން ބޮޑެތި ފާފަތައް ކުރެވުނު މީހުންނަށް ނަރަކައަށް ވަންނަން ޖެހުމުން ބުނާނެ ބަހާ މާލިކްގެފާނު ދެއްވަވާނެ ޖަވާބު!

ދެން ހަމަ އެފަދައިން މި أمّة ގެ ބޮޑު ފާފަވެރީން، މުސްކުޅި ފިރިހެނުންނާއި އަންހެނުން، ޒުވާން ފިރިހެނުންނާއި އަންހެނުން އެނަރަކައިގެ ކައިރިއަށް ގެންދެވުނީމާ ނަރަކައިގެ ވެރި مَالِكُ ގެފާނު ވިދާޅުވާހުއްޓެވެ. 

އޭ އަބާއްޖަވެރިންނޭވެ! އިބުރެމެން މިތަނަށް ތިޔައައީ ކޮންފަދައަކުން ހެއްޔެވެ. އިބުރެމެން ފަދަ ހެޔޮ حَال އެއްގައި ތިބިބައަކު އަދިޔެއް މިތާކަށް ނައުދެއެވެ. އަތަކުފަޔަކު ކަސްތަޅެއް ނެތެވެ. މޫނުތަކެއް ކަޅުކުރެއްވިފައެއް ނުވެއެވެ. އެއުރެން ދަންނަވާނެތޭ އަހުރެމެންނީ محمّد ގެފާނުންގެ أمّة ގެ ބޮޑުފާފަވެރި އަބާއްޖަވެރިންނީމުއެވެ. އަހުރެމެން މިތާގައި ތިބެ އަހުރެމެންގެ އަމިއްލަ ހަށިތަކުގެ މައްޗަށް ރޮއިލުމަށް ހުއްދަދެއްވާށެވެ. 

مَالِكُ ގެފާނު ވިދާޅުވާނެޔޭ އިބުރެމެން ރޯނެވަރަކަށްރޮއި ހޭރިހަދާށެވެ. ތިބާ ރުއިންތައް ދުނިޔޭގައި ތިބެގެން ރުއިނަމަ މިތާކަށް އަންނާކަށެއް ނުޖެހުނީހެވެ. އަދަކީ ރުއިމަކުން مَنْفَع ކުރާ ދުވަހެއް ނޫނެވެ. ދެން އެންމެން ރޮއިހޭރި އުޅޭނެތެވެ. ވައްތަރުތައްތަރުގެ ސަހަރޯ ވެރިކަމުގެ ބަސްތައް ގޮވައި އުޅޭނެތެވެ. 

މިހެން އެތައްވަރަކަށް ރޯންތިބުމަށްފަހުގައި އެއުރެން ނަރަކައިގެ ފުރަތަމަދޮރުން ވެއްދުމަށް އަމުރުފުޅު އަތުވެދާހުށި. ދެން އެމީހުން ވައްދައިލުމުން އަލިފާން އައިސް އެމީހުން ހިފައިގަތުމަށް ގާތްވެދާހުއްޓެވެ. 

ދެން އެންމެން އެކުގައި لاَاِلَهَ اِلاَّ اللهُ މިކަލިމަ ކިއައި ހޭރިގެންފާހުއްޓެވެ. އެހިނދުގައި އެއަލިފާންގަނޑު ފަސްފަތޭކަ އަހަރުގެ ރާސްތާއަށް ފަހަތަށް ޖެހިދާހުއްޓެވެ. ދެން އަނެއްކާ އެއުރެން ރޮއި ހޭރި ސަހަރޯގެ ބަސްތައް ގޮވައި ތެޅިފޮޅިއުޅުމުގައި ތިބޭހުށި، ދެން އަނެއްކާ مَالك ގެފާނުން އެއަލިފާން އެމީހުންގައި ހިފުމަށް އަމުރުކުރައްވާ ހުއްޓެވެ. އެކަލޭގެފާނުންގެ އަޑުފުޅަކީވެސް عَذَاب އެކެވެ. އެއަޑުފުޅުގެ ގަދަކަން ހޮނުގުގުރީގެ އެންމެގަދަ އަޑަށްވުރެން އަދިމާގަދަވާހުއްޓެވެ. ދެން އަލިފާން އެއުރެންގައި ހިފައި ހިތްތަކާއި މޫނުތަކާއި ގާތްވެގަތުމުން مَالِك ގެފާނުން މިހެން އަމުރުކުރައްވާނެތެވެ. އެއުރެންގެ ހިތްތަކުގައި ނުހިފާށެވެ. އޭގައި قرآن އަކުރެއްވެސް އޮވެދާނެއެވެ. މޫނުގައި ނުހިފާށެވެ. އެމޫނުން ކޮންމެވެސް ދުވަހަކު އެއްކައުވަންތަ ކަލާނގެކިބައަށް ސަޖިދައެއް ކުރިކަމުގައިވެސް ވެދާނެއެވެ. 

ދެން އެކިއެކި ޒަމާނަށްފަހުގައި އެކިއެކި މީހުން ނަރަކައިން ނެރުއްވައި ސުވަރުގެއަށް ލައްވާހުއްޓެވެ. خَلاَص ވެގެންވާ ކަލާނގެ رَحْمَة ންނާއި، رَسُولُ ބޭކަލުންގެ شَفَاعَة ންނާއި، علْمُ ވެރީންގެ شَفَاعَة ންނާއި މިކަހަލަ ކިތަންމެގޮތަކުން ނުކުމެވުންހުއްޓެވެ. ކޮންމެއަކަސް ތެދުނިޔަތުން ކަލާނގެ އެއްކައުވަންތަކަމަށް ހެކިވެ لاَاِلَهَ اِلاَّ اللهُ މިކަލިމަ ކިޔައި އެގޮތްމަތީގައި ދުނިޔެއިން ނިކުތްމީހަކު އަބަދުގެ އަބަދަށް ނަރަކައަކު ނުއޮންނަހުށި.

 

- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

މިއަދު އޮންލައިން