މައްސަލަ ޖެހިގެން ތިބެވެސް އެކުގަ ރޭއަޅުކަން ކުރުމަކީ ހިތަށްވެސް ނުގެނެވޭފަދަ ހެޔޮގޮތްތައް މިންވަރުކުރައްވަވާ ކަމެއް! އިންޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
މައްސަލަ ޖެހިގެން ތިބެވެސް އެކުގަ ރޭއަޅުކަން ކުރުމަކީ ހިތަށްވެސް ނުގެނެވޭފަދަ ހެޔޮގޮތްތައް މިންވަރުކުރައްވަވާ ކަމެއް! އިންޝާ ﷲ

ދެމަފިރިންގެ ދިރިއުޅުމުގައި މައްސަލައެއް ކުރިމަތިވެ ޙައްލުކުރަން އުނދަގޫވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ދެމަފިރިންވެސް އިސްތިޚާރާކުރާށެވެ!

އިސްތިޚާރާ ދެމަފިރިންނަށް ވިސްނުނުގޮތް ތަފާތުވެއްޖެނަމަ އިތުރަށްވެސް އިސްތިޚާރާކުރާށެވެ. ދުޢާކުރަމުން ގެންދާށެވެ. ރަނގަޅު ގޮތް ވިސްނޭނެއެވެ. އިން ޝާ ﷲ

ބައެއް ދެމަފިރިން، ދެމަފިރިންގެ މެދުގައި މައްސަލަތައް ކުރިމަތިވެފައިވާ ޙާލުގައިވެސް އެކުގައި ދަމުނަމާދުކުރެއެވެ. އަދި ދުޢާކުރެއެވެ. މިއީ ކުރިމަތިވެފައިވާ މައްސަލަ ޙައްލުކުރަން މަސައްކަތްކުރަން އޮތް އެންމެ ރަނގަޅު ގޮތެވެ. އަދި އެއީ ހިތަށްވެސް ނުގެނެވޭފަދަ ހެޔޮގޮތްތައް މިންވަރުކުރައްވަވާ ކަމެކެވެ.  

އެޙާލަތުގައި ދެގޮތަކަށް ކަންކަން މެދުވެރިވެއެވެ. ފުރަތަމަ ގޮތަކީ މައްސަލަތައް ޙައްލުވެ އުފަލުގައި އުޅެވުމެވެ. ދެވަނަ ގޮތަކީ ވަކިވިނަމަވެސް އުފާވެރި ދިރިއުޅުމެއް ދެއްވެވުމެވެ. އެތަނުން ބޮޑަށް ފައިޑާކުރާނެ ގޮތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. މިންވަރުކުރައްވަވާނީ އެމީހަކަށް އެންމެ ރަނގަޅުވާނެ ގޮތެކެވެ. އިން ޝާ ﷲ     

ދެމަފިރިންގެ މެދުގައި މައްސަލައެއް ކުރިމަތިވުމަކީ 2 މީހުންނަކީ 2 ދުޝްމިނުންނަށް ބަދަލުވެ ގުޅުންތައް ކަނޑާލަން އޮތް ސަބަބަކަށް ނުހަދާށެވެ! ފުރަތަމަ ކަމަކަށް އެކުވެރިކަމާއިއެކު އެ މައްސަލައެއް ޙައްލުކުރަން މަސައްކަތްކުރާށެވެ! ރޭއަޅުކަންކޮށް ދުޢާކުރާށެވެ! ދެމަފިރިންވެސް ދުޢާކުރާށެވެ! އެކަމެއްގެ ސަބަބުން ގެއްލުން ލިބުނު މީހާވެސް އަދި ގެއްލުން ދެވުނު މީހާވެސް ދުޢާކުރާށެވެ!  

މިރޭވެސް ތަކުރާރުކޮށްލާނަމެވެ! އެކަކަށް ކުށެއްކުރެވުމަކީ އެހިސާބުން ގުޅުން ކަނޑާލައި ދެމީހުންނަކީ ދުޝްމިނުންނަށް ބަދަލުވާންޖެހޭ ސަބަބަކަށް ނުހަދާށެވެ! މާފަށް އެދުމަށާއި މާފުކުރުމަށް އަވަސްވެގަންނާށެވެ! މައްސަލަ މައްސަލައިގައި މާފަށް އެދެންޖެހޭ މީހާ މާފަށް އެދި އަދި މާފުކުރަންޖެހޭ މީހާ މާފުކުރުމަށްފަހު އެކަންކަމަށް ދެމީހުންވެސް އިޚްލާޞްތެރިވެއްޖެނަމަ ކުރިއަށްވުރެ މާއުފަލުގައި ދިރިއުޅެވިފައިވަނީ މަދު މީހަކަށް ނޫނެވެ. އެކަން އެގޮތަށް ކުރެވުނު ގިނަ ބައަކަށްވަނީ އެކަން ތަޖުރިބާކުރެވިފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން