ތިބާއަށް އުފާވެރިކަމެއް ލިބިގެން އެކަން ފާހަގަކުރާ ޙަފްލާއިން އޭނާ ނުފެނިދާނެއެވެ.
ނަމަވެސް ތިބާއަށް ނިކަމެތިކަމެއް ލިބިއްޖެނަމަ ތިބާއާއިއެކުގައި ވާނެއެވެ. ތިބާއަށްޓަކައި ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރިން ކޮށްދިނީވެސް އަދި ދެންވެސް ކޮށްދޭނީވެސް ތިބާގެ ކިބައިން އެއްވެސް ބަދަލަކަށް އެދިގެނެއް ނޫނެވެ.
ތިބާވީ ކޮންމެ ޙާލެއްގައި އޭނާ ތިބާއާއިއެކުވާނެއެވެ. ތިބާއަށްޓކައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއްވެސްވާނެއެވެ. އެއިން އެއްވެސް ކަމަކަށް އެއްވެސް ބަދަލަކަށް ތިބާގެ ކިބައިން އެދިގެނެއް ނޫނެވެ.
ތިބާ އޭނާގެ ޙާލު ނުބެލިނަމަވެސް ތިބާގެ ޙާލުބަލަން އޭނާ ބޭނުންވާނެއެވެ. ކޮންމެ ޙާލެއްގައި ވެސް ތިބާއަށްޓަކައި ހެޔޮދުޢާކުރަމުން ގެންދާނެއެވެ. ތިބާއަށް އެއްވެސް ވަރެއްގެ ދެރައެއް ލިބުމަކަށް ނުއެދޭނެއެވެ. އަބަދުވެސް އެދޭނީ ތިބާއަށް އެންމެ ރަނގަޅު ގޮތެވެ. އަމިއްލަ ފުރާނަ ޤުރްބާންކޮށްފައިވެސް ތިބާ ދިރިހުރުމަށް އެދޭނެއެވެ.
ދެން ނިކަން ބުނެބަލާށެވެ! އެއީ ކާކުހެއްޔެވެ؟ އަދި އޭނާއަށް ވީހާ ބޮޑަށް ހެޔޮކޮށް ހިތައި އުފަލުގައި ބަހައްޓަން މަސައްކަތްކުރަން ނުޖެހޭނެހެއްޔެވެ؟ އޭނާ އާއި އެއްވަރަށް އޭނާދެކެ ހަމަ އެކަކަށްވެސް ލޯތްބެއް ނުވެވޭނެއެވެ. އެހެންކަމާއިއެކުވެސް ލޯބިވެ ހެޔޮކޮށް ހިތުމުގައި އޭނާއަށް އެންމެ ބޮޑަށް އިސްކަންދޭން ނުޖެހޭނެ ހެއްޔެވެ؟
ދެން މިބުނަނީ އެއީ ކާކުކަމެވެ. އެއީ ތިބާގެ މަންމައެވެ. ހިތާމައަކީ މަންމަގެ އަގު ވަޒަންނުކުރެވޭ ދަރިންވެސް ތިބޭކަމެވެ. އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ލޮބުވެތި އެކުވެރިންނޭވެ! އަހުރެން މިބަޔާންކުރީ މަންމަ ތިބާއަށްޓަކައި ވަމުންދާ ޤުރްބާނީގެ ވަރަށް ކުޑަކުޑަ މިންވަރެކެވެ. ހަމައެކަނި މިމިންވަރަށް ވިސްނައިލިނަމަވެސް މަންމަގެ އަގު ވަޒަންކުރެވޭނެއެވެ.
ހިތާމައަކީ އެމަންމައަށް ފަހުން ހެޔޮކޮށް ހިތަން މަޑުކުރެވޭކަމެވެ. އެހެން ދަރިއަކު ކޮށްނުދޭ ކަންކަން ކޮށްދޭން ވިސްނޭކަމެވެ. އެގޮތަށް އެކަން ނުކުރާށެވެ. މަންމައަށް ހެޔޮކޮށް ހިތަން ލިބޭނީ ކިހައި ދުވަހެއް ކަމެއް އެއްވެސް ދަރިއަކަށް ނުއެނގޭނެއެވެ. ވީމާ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާށެވެ! މަންމައަށް ލޯބިދީ ހެޔޮކޮށްހިތުމުގައި އެންމެ ކުރީސަފަށް އަރާށެވެ! އެއީ އެދަރިއަކަށް ދުނިޔެއާއި އާޚިރަތުގައި ހެޔޮ ރަޙްމަތް ލައްވަވާނެ ސަބަބެކެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން