ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އައު އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އައު އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފި

ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުގެ ޖާގަ އިތުރުކޮށް، އެތަނުގެ އައު އިމާރާތް ތަރައްޤީކުރުމަށްޓަކައި ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫޢަކީ އެ މަރުކަޒުގެ ޚިދުމަތްތައް ހަރުދަނާކޮށް، އެތަނުގައި ތިބޭ މީހުންނަށް އެކަށީގެންވާ މާޙައުލެއް ޤާއިމްކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ގުރައިދޫ މަރުކަޒަކީ މީގެ 50 އަހަރު ކުރިން، 1976 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު ޤާއިމްކޮށްފައިވާ ތަނެކެވެ. ބައި ގަރުނު ވެފައިވާ މި މަރުކަޒުގެ އިމާރާތްތަކަށް މިވީ މުއްދަތުގެ ތެރޭގައި އެކަށީގެންވާ މަރާމާތެއް ނުވަތަ ތަރައްޤީގެ މަސައްކަތެއް ކުރެވިފައި ނުވުމުގެ ސަބަބުން، އިމާރާތްތައް ހުރީ ވަރަށް ބޮޑަށް ބާވެ، ހާލުގައި ޖެހިފައެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޞިއްޙީ ވަޒީރުގެ ނައިބު އާމިނަތު އިސްމާއީލް ވިދާޅުވީ، އައު އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް ފަށާފައިވަނީ ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ފައިސާ ހަމަޖައްސަވައިދެއްވުމާ ގުޅިގެން ކަމަށެވެ. މިއީ އެތަނުގެ ހާލަތު ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އާމިނަތު އިސްމާއީލް އިތުރަށް ވިދާޅުވީ، މި ސަރުކާރުން އެންމެ ފުރަތަމަ އިސްކަންދިނީ އެ މަރުކަޒުގައި ތިބި މީހުންގެ ޒަރޫރީ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެމީހުންނަށް ބޭނުންވާ އެނދާއި، ކާބޯތަކެތީގެ އިންތިޒާމްތައް ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ވަނީ ކުރެވިފައެވެ.

"މިހާރު ފަރުވާގެ ބައި މަޑުމަޑުން ހަމަޖެހި އެތަނުގެ އިމާރާތުގެ ބައި ތަރައްޤީ ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް މިދަނީ. އެއީ މިދާއިރާއިން ލިބުނު ބޮޑު ހިތްހަމަޖެހުމެއް. އެމީހުންނަށް ރަނގަޅު ބޯހިޔާވަހިކަމެއް ލިބޭނެ،" ޞިއްޙީ ވަޒީރުގެ ނައިބު ވިދާޅުވިއެވެ.

މި މަޝްރޫޢު ނިމުމުން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެ، އެމީހުން ދިރިއުޅޭނެ ރައްކާތެރި އަދި ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރެވޭ އިމާރާތެއް ލިބިގެންދާނެ ކަމަށް ޞިއްޙީ ވުޒާރާއިން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން