ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަނުން މާލެއާއި ބަންގްލަދޭޝްގެ ޑާކާއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ. މި ދަތުރުތައް ފެށުމާއެކު ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.
މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި އާދީއްތަ ދުވަހުއެވެ. މި ފްލައިޓްތަކުގެ ވަގުތުތައް ރޭވިފައިވަނީ ފަތިހުގެ ވަގުތެއްގައި ޑާކާއަށް ފޯރާ ގޮތަށެވެ. މީގެ ސަބަބުން ޑާކާ މަގުން އެހެން މަންޒިލްތަކަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ކަނެކްޓިން ފްލައިޓްތައް ލިބޭނެ ކަމަށް އެ އެއަރލައިނުން މައުލޫމާތުދެއެވެ.
ބަންގްލަދޭޝަށް ދަތުރުތައް އަލުން ފަށާފައިވަނީ ރަމަޟާން މަސް ނިމި އީދު ބަންދާ ދިމާވާ ދުވަސްވަރެއްގައެވެ. މޯލްޑިވިއަނުން ވިދާޅުވެފައިވަނީ "މިއީ އީދު ބަންދަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށާއި، އަމިއްލަ ގައުމަށް އެނބުރިދާ ބަންގްލަދޭޝް މީހުންނަށް ލިބޭނެ ބޮޑު ފަސޭހައަކަށްވާނެ" ކަމަށެވެ.
މި ދަތުރުތައް އަލުން ފެށުމަށް ނިންމީ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ބަލައިގެން ކަމަށް އެ އެއަރލައިނުން ބުނެއެވެ. މި ފްލައިޓްތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ފަރާތްތަކަށް އަގުހެޔޮ އަދި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެއެވެ.