އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށަނީ

މިއަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް ގޮވާމުގެ ބާވަތްތަކުން ބަލައިގަތުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. 1447 ވަނަ އަހަރު މާލޭ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައެވެ.

ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވާ ގޮތުގައި، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ޒަކާތް ދެއްކުމުގެ ފުރުޞަތު މި މަހުގެ 14 ވާ ހޮނިހިރު ދުވަހުން ފެށިގެން ހުޅުވާލާނެއެވެ. މީގެ އިތުރުން މި މަހުގެ 15، 16 އަދި 18 ވަނަ ދުވަހުވެސް ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ މި މަހުގެ 14 އަދި 15 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. އަދި މި މަހުގެ 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 13:00 އިން 15:00 އަށް ޒަކާތް ބަލައިގަންނާނެ ކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ގޮވާމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށް އެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެމީހަކު އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.

ޒަކާތު ހައުސްއިން އިތުރަށް ވިދާޅުވީ، ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށާއި، ކަނޑައެޅިފައިވާ ގަޑިތަކުގައި ޒަކާތް ދެއްކުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

މިއަދު އޮންލައިން