ހދ. ކުޅުދުއްފުށީގައި އިމާރާތްކުރަން ފެށުމަށްފަހު މަސައްކަތް ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށްޓަކައި ކުންފުންޏަކާ ހަވާލުކޮށް، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރެއިންބޯ ކޮންސްޓްރަކްޝަނާއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި މިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ. އަދި މަސައްކަތް އަލުން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި 11 ފަންގިފިލާގެ 5 ޓަވަރު އެޅުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2024 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. ނަމަވެސް، އެކި ސަބަބުތަކާހުރެ މި މަޝްރޫޢުގެ މަސައްކަތް ވަނީ މުޅިން ހުއްޓިފައެވެ. މަސައްކަތް ހުއްޓުނުއިރު މުޅި މަޝްރޫޢުގެ ނިމިފައިވަނީ އެންމެ 18 އިންސައްތަ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ބައެއް ޓަވަރުތަކުގެ ފައުންޑޭޝަން މަސައްކަތާއި ބައެއް ޓަވަރުތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އެކަންޏެވެ. މިއީ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 2023 ވަނަ އަހަރު އޭރުގެ ސަރުކާރުން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރިއިރު، މަސައްކަތް ނިންމުމަށް ކަނޑައަޅާފައި އޮތީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް މަސައްކަތް މެދުކެނޑުމުގެ ސަބަބުން މަޝްރޫޢު ވަނީ ބޮޑުތަނުން ލަސްވެފައެވެ.