ހައްދުފަހަނައެޅި ޔަހޫދީ ދައުލަތް، އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި ބައިނަލްއަގުވާމީ ޤާނޫނުތަކަށް ތަބާވަންދެން އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ދިވެހިރާއްޖޭން ގޮވާލައިފިއެވެ. ރާއްޖޭން މިކަމަށް ގޮވާލާފައިވަނީ މިހާރު ޖެނީވާގައި ކުރިއަށްދާ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 3 ވަނަ އާންމު ބައްދަލުވުމުގެ ތެރެއިން އިއްވި ރަސްމީ ބަޔާނެއްގައެވެ.
ރާއްޖޭގެ ފަރާތުން އިއްވި މި ބަޔާނުގައި، ފަލަސްތީނުގެ ރައްޔިތުންގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙައްގުތައް ދުވަހުން ދުވަހަށް ހީނަރުވަމުންދާކަން ފާހަގަކޮށް، އެކަމުގެ ފުން ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. ވަކިން ޚާއްސަކޮށް، އިސްރާއީލުން ކުރިމަތިކުރުވާފައިވާ އިންސާނީ ކާރިސާގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިންނަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަށް ރާއްޖޭގެ ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ.
މީގެއިތުރުން، އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް މައުސޫމް ކުޑަކުދިންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، ފަލަސްތީނުގެ ބިންތަކަށް އަތްގަދަކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ރާއްޖޭން ވަނީ ގޮވާލާފައެވެ. މި އަމަލުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފު ކަންތައްތަކެއްކަން ރާއްޖޭން ފާހަގަކުރެއެވެ.
ބަޔާން ނިންމާލަމުން ރާއްޖޭން ވަނީ، އިސްރާއީލުން ބައިނަލްއަގުވާމީ ޤާނޫނުތަކަށް ފުރިހަމައަށް ތަބާވަންދެން، އެ ދައުލަތާ ދެކޮޅަށް ސިޔާސީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން އަދި ޑިޕްލޮމެޓިކް ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އދ. ގެ މެންބަރު ޤައުމުތަކަށް އިލްތިމާސްކޮށްފައެވެ.