ސްޓޭޓް ފާމަސޫޓިކަލްސްއިން ރާއްޖެއަށް ބޭސް އެތެރެކޮށް ސަޕްލައި ކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ސްޓޭޓް ފާމަސޫޓިކަލްސްއިން ރާއްޖެއަށް ބޭސް އެތެރެކޮށް ސަޕްލައި ކުރަން ފަށައިފި

ދިވެހިރާއްޖެއަށް ބޭސް އެތެރެކޮށް، ރަށްރަށަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ރަސްމީކޮށް ފަށާފައިވާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، އެއްވެސް ދަތިކަމެއް ނެތި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނަންޖެހޭ ކަމަށެވެ. މި މަސައްކަތަށް މިހާތަނަށް ވަކި ޚާއްސަ ކުންފުންޏެއް ނެތުމުގެ ސަބަބުން ކުރިމަތިވި ދަތިތައް ނައްތާލުމަށްޓަކައި، ސްޓޭޓް ފާމަސޫޓިކަލް ކުންފުނި އުފެއްދެވުމަކީ ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އަސާސީ ބޭސް ރާއްޖޭގެ ހުރިހާ ރަށެއްގައި ލިބެން ހުރިކަން ކަށަވަރު ކުރުމަށާއި، އެޕްރޫވްކޮށްފައިވާ ބޭސްތައް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ކުންފުނީގެ އޮޕަރޭޝަންތައް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް ބައެއް ބޭސްތައް އެތެރެކޮށް ރަށްރަށަށް ސަޕްލައި ކުރަން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ކުންފުނީގެ މަސައްކަތްތައް ވަރަށް ގާތުން ބަލަމު މިދަނީ. މިހާރުވެސް އެ ކުންފުނިން ބައެއް ބޭސްތައް އެތެރެކޮށްގެން ސަޕްލައިކުރަން ފަށައިފި ރަށްރަށަށް. ޚާއްސަ ކުންފުންޏެއް މިހެން ހެދުމުގެ ނަތީޖާއަކަށްވެގެންދާނީ މުޅި މިނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ މިކަމަށްޓަކައި ފޯކަސް ކުރެވިގެން މަސައްކަތްކުރާނެ ބަޔަކު، މިސާލަކަށް އެ ކުންފުނީގެ ބޯޑު ފޯކަސްކުރާނީ މި މައްސަލައަށް ހައްލު ހޯދުމަށް،" ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވިއެވެ.

މި އައު ކުންފުނީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ޞިއްޙީ ނިޒާމު ތަރައްގީވަމުންދާ މިންވަރަށް ބަލައި، ބޭހާއި މެޑިކަލް ސަޕްލައިގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ. މީގެ ސަބަބުން ބޭސް ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން