ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ޚާއްޞަ ޤަވާއިދެއް އެކުލަވާލުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ނިންމަވައިފިއެވެ. މި ނިންމުމަކީ ރާއްޖޭގައި އަލަށް އެކުލަވާލި ޒަކާތުގެ ޤާނޫނުގެ ދަށުން ގެނެވޭ މުހިންމު ބަދަލެކެވެ.
ދައުލަތުގެމީޑިއާއަށް މައުލޫމާތު ދެއްވަމުން ޒަކާތު ހައުސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނަރަލް މޫސާ މުޢިއްޒު ވިދާޅުވީ، ޒަކާތުގެ ޤާނޫނު އައުމުގެ ކުރިން ޒަކާތް ދައްކަންޖެހޭ މީހުންގެ މަޢުލޫމާތުތައް އެނގޭނެ ނިޒާމެއް ގާއިމްވެފައި ނުވާ ކަމަށެވެ. ކުރިން ޒަކާތް ދެއްކުން އޮތީ ހަމައެކަނި ފަރުދީ ޒިންމާއެއްގެ ގޮތުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މުޢިއްޒު ވިދާޅުވި ގޮތުގައި، އަލަށް އެކުލަވާލާ ޤަވާއިދާއެކު ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރެވި، އެފަރާތްތަކަކީ ކޮބައިކަން ދައުލަތަށް ސާފުކޮށް އެނގިގެންދާނެއެވެ. މީގެ ސަބަބުން ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިންތިޒާމުތައް ފުރިހަމަވެގެންދާނެ ކަމަށް ޒަކާތު ހައުސްއިން ދެކެއެވެ.
ޒަކާތުގެ ޤާނޫނު ބުނާގޮތުން، ޤާނޫނަށް އަމަލުކުރަން ފަށާތާ 5 މަސްދުވަހުގެ ތެރޭގައި ކަމާގުޅޭ ޤަވައިދުތައް އެކުލަވާލަން ޖެހެއެވެ. މުޢިއްޒު ވިދާޅުވީ ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދާ ޤަވާއިދު ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވޭނެ ކަމަށެވެ.
މި އައު ނިޒާމުގެ ދަށުން ޒަކާތުގެ ކަންކަން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބި، ޒަކާތް ދައްކަންޖެހޭ ފަރާތްތަކާއި ޒަކާތް ލިބެންޖެހޭ ފަރާތްތަކުގެ ދަފްތަރު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ.