އިންތިޚާބުތައް އިރުއިރުކޮޅާ ބޭއްވުމަކީ ރައްޔިތުންގެ ޝައުގުވެރިކަން އެކަމަކަށް ގެއްލޭނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ. ޝިހާބު މިހެން ވިދާޅުވީ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ޝިހާބު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގެ ނަތީޖާތަކުން މިކަން ވަރަށް ސާފުކޮށް ހާމަވެއެވެ. އެގޮތުން، ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތަށްވުރެ މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް މަދުކަމަށާއި، އަދި މަޖިލިސް އިންތިޚާބަށްވުރެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުކަން ހިސާބުތަކުން އެނގެން އޮތްކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންމެ އިންތިޚާބަކީވެސް މުހިންމު އިންތިޚާބަކަށްވާއިރު، އޭގައި ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން މުހިންމު ކަމަށް ޝިހާބު ވިދާޅުވިއެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލާން ނުކުންނަ ރައްޔިތުންގެ އަދަދު އިތުރުވެ، ދައުލަތުގެ މުހިންމު ނިންމުންތަކުގައި ބަސް ބުނާ ރައްޔިތުންގެ އަދަދު އިތުރުވެގެންދާނެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިހާބު ވިދާޅުވީ، "އަޅުގަނޑުމެންނަށް މިބާއްވަން ބޭނުންވާ އިންތިޚާބުތަކެއް އެއްކޮށްލެވިއްޖެއްޔާ އަޅުގަނޑަށް ހީވަނީ ރައްޔިތުން ނުކުތުން، ވޯޓަރ ޓާންއައުޓް މާ ރަނގަޅުވެގެންދާނެެހެން. އެކަމާ ޝައުގުވެރިކަން އިރުއިރުކޮޅާ އުފައްދައިގެން އެކަންތަކާ އުޅެން ގިނަބަޔަކު ބޭނުން ނުވެދާނެ،" ކަމަށެވެ.
މީގެއިތުރުން، ސިޔާސީ ލީޑަރުންގެ ޝައުގުވެރިކަން އަބަދުވެސް ހުރި ނަމަވެސް، އާންމު ރައްޔިތުން ވަރަށް ފޯރިއާއެކު ނުކުމެ ވޯޓުލުމަށް ދިއުމުގައި ދަތިތަކެއް ހުރިކަން އޭނާގެ ތަޖުރިބާއިން ފާހަގަކުރެވޭ ކަމަށްވެސް ޝިހާބު ވިދާޅުވިއެވެ. މި އިސްލާހަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.