އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން އެންމެ ގިނަ ފޮށި ބަހައްޓަން ނިންމާފައިވަނީ މާލެ ސަރަހައްދުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ. މި އިންތިޚާބަކީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ޤާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭގޮތުން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާނެއެވެ. މީގެ ތެރެއިން 241 ވޯޓު ފޮށި ބަހައްޓަނީ މާލެ ސަރަހައްދުގައެވެ. އެއީ މާލޭގައި 180 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި ހުޅުމާލޭގައި 51 ފޮއްޓެވެ. ހުޅުމާލޭގެ އަދަދުގެ ތެރޭގައި ޖަލުގައި ބަހައްޓާ ފޮށިވެސް ހިމެނެއެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ޖުމްލަ 322 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ ފޮށި ބަހައްޓަނީ އައްޑޫ ސިޓީގައެވެ. އައްޑޫގައި 29 ފޮށި ބަހައްޓާއިރު، ރ. އަތޮޅުގައި 25 ފޮށި އަދި ހއ. އަތޮޅުގައި 23 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 21 ރިސޯޓަކާއި 5 ޖަލެއްގައިވެސް ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ބުނެއެވެ.
މިފަހަރުގެ އިންތިޚާބުގައި ރާއްޖޭން ބޭރުގެ އެއްވެސް ޤައުމެއްގައި އަދި ސިނާޢީ މަސައްކަތް ކުރާ ރަށްރަށުގައި ވޯޓު ފޮށި ނުބަހައްޓަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އެއީ ރީ-ރަޖިސްޓްރޭޝަން މުއްދަތު ހަމަވިއިރު، އެ ތަންތަނުގައި ވޯޓު ފޮށި ބެހެއްޓުމަށް ގަވާއިދުގައި ބުނާ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާތީއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ޖުމްލަ 294,876 މީހުންނަށް ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 150,370 ފިރިހެނުންނާއި 144,506 އަންހެނުންނެވެ. މި އިންތިޚާބަކީ މަޖިލީހުގެ މިހާރުގެ ދައުރު ކުރުކުރުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ބަސް ހޯދުމަށް ބާއްވާ މުހިންމު ވޯޓެކެވެ.