މިއަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި ބާއްވާ ޢީދު ހަވީރު ހަރަކާތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުޢައްސަސާތައް ހިމެނޭގޮތުން ޖުމްލަ 12 ފަރާތަކުން ބައިވެރިވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ. ކޮންމެ އަހަރަކުވެސް ފިތުރު ޢީދާ ގުޅުވައިގެން ބާއްވަމުން އަންނަ މި ހަރަކާތް އިންތިޒާމް ކުރަނީ އެމްއެންޑީއެފްގެ ފަރާތުންނެވެ.
ޢާއިލީ ގުޅުން ބަދަހިކޮށް، އުފާވެރި މާޙައުލެއްގައި ފިތުރު ޢީދު ފާހަގަކުރުމަށްޓަކައި ބާއްވާ "ޢީދު ހަވީރު 1447" މިއަހަރުވެސް ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި މި ހަރަކާތްތައް ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ. މި ހަރަކާތްތަކަކީ އެމްއެންޑީއެފާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކި މުއައްސަސާތައް ގުޅިގެން ހިންގާ ހަރަކާތްތަކެކެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ ލެފްޓިނަންޓް ކާނަލް މޫސާ ރަމީޒް ވިދާޅުވީ، މިފަހަރުގެ ޢީދު ހަރަކާތްތައް ކުރީ އަހަރުތަކާ އަޅާބަލާއިރު ތަފާތުވާނޭކަމަށެވެ. އަދި މީގެކުރީގެ ޢީދުތަކުގައި ނުފެންނަ ފަދަ އައު ހަރަކާތްތަކެއް މިފަހަރު ފެނިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ތަފްސީލް ހިއްސާކުރައްވަމުން ލެފްޓިނަންޓް ކާނަލް މޫސާ ރަމީޒް ވިދާޅުވީ، ޢީދު ހަވީރުގައި އެމްއެންޑީއެފާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން ސަރުކާރު ހިއްސާވާ 10 ކުންފުންޏަކުން ބައިވެރިވާނެ ކަމަށެވެ. މިއީ ޢީދުގެ އުފާވެރިކަން ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.