އެސްޓީއޯއަށް ލިބޭ ފައިދާ ކުޑަކޮށްގެން، ތެލުގެ އަގު މައްޗަށް ދިޔަނުދީ ހިފަހައްޓަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އެސްޓީއޯއަށް ލިބޭ ފައިދާ ކުޑަކޮށްގެން، ތެލުގެ އަގު މައްޗަށް ދިޔަނުދީ ހިފަހައްޓަނީ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނުދީ ހިފެހެއްޓުމަށްޓަކައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ލިބޭ ފައިދާ ކުޑަކޮށްގެން ނަމަވެސް މަސައްކަތް ކުރަމުންދާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން މިހާރުވެސް ތެލަށް ބޮޑު ސަބްސިޑީއެއް ދެމުންދާ ކަމަށެވެ. ނަމަވެސް، ބާޒާރުގައި ތެލުގެ އަގު އިތުރަށް ބޮޑުވާނަމަ، ސަރުކާރުގެ ދެވަނަ ވިސްނުމަކީ އެސްޓީއޯއަށް ލިބޭ ފައިދާއިން އެ ބަދަލުތައް ހަމަޖައްސައި، އާންމުންނަށް ކުރާ އަސަރު ކުޑަކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "އިތުރަށް އަގު ބޮޑުވާނަމަ، އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށް އެބްޒޯބް ކުރެވޭނެ ގޮތަށް ދަނީ މަސައްކަތް ކުރަމުން. މާކެޓަށް އައި އަސް ބަދަލަށްވުރެ ރާއްޖޭގައި ވަރަށް ކުޑަ ބަދަލެއް މި އައީ،" ކަމަށެވެ.

ތެލުގެ އަގު ކަނޑައެޅުމަކީ ވަރަށް ނާޒުކު ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ތެލުގެ އަގުތައް ކަނޑައަޅަނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގުތަކަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތައް ވީހާވެސް ކުޑަކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން