ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށް ދަނީ މަސައްކަތް ކުރަމުން: ވަޒިރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށް ދަނީ މަސައްކަތް ކުރަމުން: ވަޒިރު ސަޢީދު

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށާއި، ކާބޯތަކެތި ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ހަލުވިކަމާއެކު ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން، ހާއްސަކޮށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމުތަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލު ދެއްވަމުން ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ޗެއަރގެ ހައިސިއްޔަތުން ޑރ. ޚަލީލް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރު ބަރޯސާވާ މާކެޓުތަކުގެ އިތުރުން އެހެން މާކެޓުތައް ދެނެގަނެ، އެ ގައުމުތަކުން ތަކެތި އިމްޕޯޓު ކުރުމުގެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ. މީގެ ބޭނުމަކީ އެއް ގައުމަކަށް ނުވަތަ އެއް ސަރަހައްދަކަށް ބަރޯސާވުން ކުޑަކޮށް، ކާބޯތަކެތީގެ ސަޕްލައި ޗެއިން ވަރުގަދަކުރުމެވެ.

މި މަސައްކަތްތަކާ ގުޅޭގޮތުން ޑރ. ޚަލީލް ވިދާޅުވީ، "އަޅުގަނޑުމެންނަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ދޭދޭ ގައުމުތަކުގެ މެދުގައި މުއާމަލާތްތައް މިހާރު ކުރެވެމުންދޭ. ހާއްސަގޮތެއްގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވާ ބާވަތްތައް އެއްގަމު އަދި ކަނޑުގެ މަގުން އެތެރކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަން،" އެވެ.

މީގެ އިތުރުން، ގައުމަށް އެތެރެކުރާ ތަކެތި ރައްކާކުރެވޭނެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. މި ފިޔަވަޅުތަކަކީ ދުނިޔޭގެ މަސްރަހަށް ކޮންމެ ފަދަ ބަދަލެއް އައި ކަމުގައިވީނަމަވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ހުސްނުވެ ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން އެންމެ އިސްކަންދޭ އެއް މަސައްކަތް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން