މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އިޤްތިޞާދީ އަދި ސަލާމަތީގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ސަރުކާރުން ވަރަށް ގާތުން ދިރާސާކޮށް ބަލަމުން އަންނަކަމަށް ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ވަޒީރުންގެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، ހަނގުރާމަ ފެށުނުތާ ގާތްގަނޑަކަށް 6 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްސަ ކޮމެޓީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ހަނގުރާމަ ފެށުނު ފުރަތަމަ ދުވަހު ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށާއި، މިހާތަނަށް ޖުމްލަ 5 ބައްދަލުވުމެއް ބާއްވައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މެދުއިރުމައްޗާއި ގަލްފުގެ ގައުމުތަކުގައި ހިނގަމުންދާ ހަމަލާތަކުގެ ސަބަބުން، އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް ދިމާވެދާނެ ގޮންޖެހުންތަކަށް ސަރުކާރުން ސަމާލުކަންދޭކަމަށް ވަޒީރު ވިދާޅުވިއެވެ. "މި ބައްދަލުވުންތަކުގައި ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންކަމަށް ރިއާޔަތްކޮށް ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި ތިބި ދިވެހި ރައްޔިތުންގެ ހާލަތު ކައިރިން ބަލަމުން ދިއުމާއި، ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ދާއިރާތަކަށް ދިމާވެދާނެ ގޮންޖެހުންތައް އަޅުގަނޑުމެން މިދަނީ ދިރާސާކޮށް ވަރަށް ގާތުން ބަލަމުން،" ޑރ. ޚަލީލު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ޤައުމުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށެވެ. އަދި ހަރުދަނާ ނިޒާމެއްގެ ދަށުން މި ފިޔަވަޅުތައް އެޅުމަށް ކޮމިޓީން މަސައްކަތް ކުރަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް ހިނގާފައިވާ ހަމަލާދިނުންތަކުގައި ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ޤައުމަކުން ބޭނުންކޮށްފައި ނުވާކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. މިއީ ރާއްޖޭގެ އަމާންކަމާއި އިޤްތިޞާދު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.