މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކުރިއަށްއޮތް ހައްޖު އަޅުކަމަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ.ޝަހީމް ވިދާޅުވީ، ސަރަހައްދީ ހަލަބޮލިކަމެއް އޮތް ނަމަވެސް ހައްޖުގެ އަޅުކަމަށް އޭގެ އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ހައްޖާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ފުރިހަމައަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ވަޒީރު ވިދާޅުވީ ހައްޖާއި ގުޅޭ އިންތިޒާމުތައް މިހާރު ވަނީ މުޅިން ނިމިފައި ކަމަށެވެ. "ހައްޖާގުޅޭ އެންމެހާ ކަންކަން ވަރަށް ފުރިހަމައަށް ގެންދެވޭނެ. ހައްޖާއި ގުޅޭ އިންތިޒާމުތަކުގައި އެންމެ އަވަހަށް އިންތިޒާމު ތައް ނިންމި ޤައުމު ތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ،" ޑރ. ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގައި ދަތުރުކުރާ ހައްޖުވެރިންގެ ވިސާ މިހާރު އިޝޫ ކުރެވިފައިވާ ކަމަށާއި، ސައުދީ އަރަބިއްޔާގައި ހައްޖުވެރިން ތިބޭނެ އެކަމޮޑޭޝަންގެ ކަންކަމާއި، އަރަފާތާއި މިނާގައި ކުރަންޖެހޭ އެންމެހާ އިންތިޒާމުތައްވެސް ހަމަޖެހިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހައްޖުގެ އެއްވެސް ކަމަކަށް މިހާތަނަށް ބުރުލެއް އަރާފައި ނުވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ދައްޗެއް ކުރިމަތިނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.