ހަމަނުޖެހުމާއި ގުޅިގެން ނުފުރި ތިބި ފަތުރުވެރިންނަށް 8 ޤައުމަކަށް 23 ފްލައިޓް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ހަމަނުޖެހުމާއި ގުޅިގެން ނުފުރި ތިބި ފަތުރުވެރިންނަށް 8 ޤައުމަކަށް 23 ފްލައިޓް ބާއްވައިފި

ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖޭގައި ނުފުރި ތިބި ފަތުރުވެރިން އަނބުރާ ޤައުމަށް ފޮނުވުމަށްޓަކައި މިހާތަނަށް 8 ޤައުމަކަށް 23 ފްލައިޓް ބާއްވާފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ނުފުރި ތިބި މީހުންނަށް ފުރޭނެ ގޮތް ހަމަޖެއްސުމަށް ޔޫރަޕްގެ 8 ޤައުމަކަށް ޚާއްސަ ދަތުރުތަކެއް ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލުވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ.

"ނުފުރި ތިބި މީހުހުންނަށް ފުރޭނެ ގޮތް ހަމަޖެއްސުމަށް ޔޫރަޕްގެ 8 ޤައުމަކަށް 23 ފްލައިޓް ވަނީ ބާއްވާފައި. ދެން ރާއްޖެއަށް މީހުން ގެނައުމަށް ކުރެވުނީ ކޮން ކަމެއްތޯ؟ އެގޮތުން ރަޝިޔާގެ އެއަރލައިން އެއިރޯ ފްލޮޓްގެ ދަތުރުތައް ދުވާލަކު ދެ ފަހަރު ބާއްވާގޮތަށް މިވަނީ އިތުރުކުރެވިފައި. 2000 އެއްހާ ސީޓް އެއިތުރުވީ. އެއަރ އިންޑިއާ ޑަބަލް ކުރެވިއްޖެ." ވަޒީރު އަމީން ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޔޫރަޕާއި ޔޫއެސްއޭ ކަނެކްޝަން ރަނގަޅު ކުރުމުގެ ގޮތުން އިއްތިޙާދު އެއަރލައިންގެ ދަތުރުތައްވެސް ދުވާލަކު ދެ ފްލައިޓަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެއަރ އޭޝިއާއިން މިހާރު ބޭނުންކުރާ ނެރޯ ބޮޑީ ފްލައިޓްތަކުގެ ބަދަލުގައި ވައިޑް ބޮޑީ ފްލައިޓްތައް ބޭނުންކުރަން ފެށުމުގެ މަސައްކަތް ކުރަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން،  ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވީ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ނުފުރިތިބި 1888 ފަތުރުވެރިންނަށް ދިވެހި ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

"މިހާތަނަށް އައިއިރު އަޅުގަނޑުމެންނަށް 1888 ފަތުރުވެރިންނަށް މިހާރު މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފައި. އެއަރޕޯޓުން ހޯދަންޖެހޭ އެހީތެރިކަން ހޯދުމަށް ގޮންޖެހުން ހުރި މީހުންނަށް. އަދި އިތުރަށް މިކަން ހަރުދަނާކުރުމަށް ޕްލޭންއެއްވެސް ގާއިމްކޮށްދެވިފައި." ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން