ތެޔޮ ގަންނަން ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ 2 އެޖެންސީއަކުން ރާއްޖެއަށް 100 މިލިޔަން ޑޮލަރު ހަމަޖައްސައިދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތެޔޮ ގަންނަން ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ 2 އެޖެންސީއަކުން ރާއްޖެއަށް 100 މިލިޔަން ޑޮލަރު ހަމަޖައްސައިދީފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ ދެ މާލީ އިދާރާއަކުން 100 މިލިޔަން ޑޮލަރު ހަމަޖައްސައިދީފައިވާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވަޒީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. ދައުލަތުގެ ރިޒާވުން އަސާސީ ކަންކަމަށް ހަރަދު ކުރަމުންދާއިރު، ތެލުގެ އަގު ބޮޑުވުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ރިޒާވަށް އިތުރު 100 މިލިޔަން ޑޮލަރު ހޯދުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.

މި މަސައްކަތުގެ ދަށުން ބޭރުގެ ދެ މަލްޓިލެޓްރަލް އެޖެންސީއަކާއެކު މަޝްވަރާކޮށް، އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. "އެއް ފިޔަވަޅަކީ ރިޒާވަށް އިތުރަށް 100 މިލިޔަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރު، އިންޓަނޭޝަނަލް މަލްޓިލެޓްރަލް 2 އެޖެންސީއަކާއެކު މަސައްކަތްކޮށްގެން، އީއްޔެ ހިސާބަށް އެއްބަސްވުމަކަށް އާދެވިފައި އެބައޮތް. އެއީ އަސްލު ތެލުގެ އަގު މިހާރު މި ބޮޑުވާ އަދަދު، އެއީ މިސާލަކަށް ކުރިން 100 ޑޮލަރަށް ލިބޭ އެއްޗެއް 150 ޑޮލަރަށް ބަދަލުވީމަ އެއަންނަ ބައި ފައިނޭން ކުރުމަށް އަޅުގަނޑުމެން ހަމަޖައްސާ ފެސިލިޓީއެއް،" ވަޒީރު ވިދާޅުވިއެވެ.

މި ފެސިލިޓީގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި، ދިވެހި ސަރުކާރުގެ ފަރާތުން މިކަމުގައި ނަގަންޖެހޭ އެންމެ ފަހުގެ ހުއްދަތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަށް މިހާރު ހުށަހަޅާފައިވާ ކަމަށްވެސް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން