މުޤައްދަސް ރަމަޟާން މަހު އަލް-އަޤްޞާ މިސްކިތަށް އަޅުކަންކުރަންދާ މުސްލިމުންނަށް އެ މިސްކިތަށް ނުވަދެވޭ ގޮތަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މިސްކިތުގެ ދޮރުތައް ބަންދުކުރަމުންދާ ދިއުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިސްލާމްދީނުގެ އެންމެ ބޮޑު އެއް މުޤައްދަސް ބިނާކަމުގައިވާ އަޤްޞާ މިސްކިތަށް ވަނުން ހަނިކުރުމަކީ، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާ ޚިލާފަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.
ޚާރިޖީ ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ އަޤްޞާ މިސްކިތުގެ މުޤައްދަސްކަމާއި، އެތަނުގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތުގެ އިތުރުން ދީނީ މުހިންމުކަމަށް އުނިކަން ލިބޭގޮތަށް ގަސްތުގައި ހިންގާ ޢުދުވާނީ އަމަލެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށް ބުރޫއަރާނެކަންވެސް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ، އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ މައްޗަށް އޮތް 'ސްޓޭޓަސް ކޯ' ނުވަތަ މިހާރު އޮތް ޙާލަތަށް ބޯނުލަނބާ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަންނަ އަރައިގަތުންތަކަށް އިސްރާއީލު ޒިންމާދާރުކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ގޮވާލުން ތަކުރާރުކޮށްފައެވެ.
މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ އަމިއްލަ އިޚްތިޔާރުގައި މިނިވަން ދައުލަތެއް ބިނާކުރުމުގެ ޙައްޤަށާއި، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ މިނިވަން މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ކުރާ މަސައްކަތަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.