މެދު އިރުމަތީގައި ތިބި ދިވެހި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެނީ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
މެދު އިރުމަތީގައި ތިބި ދިވެހި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެނީ: ވަޒީރު

މެދު އިރުމަތީގެ އެކި ގައުމުތަކުގައި ތައުލީމް ޙާޞިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވަޒީރު ވިދާޅުވީ ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ޚާރިޖީ ވުޒާރާއިން ނެރެފައިވާ އެޑްވައިޒަރީތައް އީމެއިލް މެދުވެރިކޮށް ދަރިވަރުންނަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ކުދިން ތިބި ގައުމުތަކުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގައި ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިހާރު މެދުއިރުމަތީގެ އެކި ގައުމުތަކުގައި ރާއްޖޭގެ 75 ދަރިވަރަކު ކިޔަވަމުންދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ މިސްރުގައި ތިބި 40 ދަރިވަރުންނާއި، ޔޫއޭއީގައި ތިބި 21 ދަރިވަރުންނާއި، ތުރުކީގައި ތިބި 10 ދަރިވަރުންގެ އިތުރުން ސަޢުދީ އަރަބިއްޔާގައި ތިބި 2 ދަރިވަރުންނެވެ. މީގެ އިތުރުން މިސްރުގައި އަމިއްލަ ގޮތުން ކިޔަވާ 2 ދަރިވަރުން ވެސް ހިމެނެއެވެ.

ދަރިވަރުންނާ މުއާމަލާތް ކުރުމަށްޓަކައި ވުޒާރާއިން ހެލްޕް ލައިނެއް ޤާއިމްކޮށްފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، "އަޅުގަނޑުމެން މިހާރު ވާނީ އެކުދިންނާއެކު މުއާމަލާތްކުރުމަށް ވަޓްސްއެޕް ނަންބަރެއް، އެއީ 25 ދަރިވަރުންނަށްވުރެ ގިނަ ދަރިވަރުން މިސްރުގައި ތިބީގައި އެތާގަ ވަޓްއެޕް ނަންބަރެއް ހަމަޖައްސާފަ. އެތާގަ ތިބި ދަރިވަރުންނަށް މިހާރު ވުޒާރާއާ ޑައިރެކްޓްލީ ކޮންޓެކްޓުކުރެވޭނެ އިންތިޒާމުތައް މިހާރު މިވަނީ ހަމަޖެއްސިފައި."

މީގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ކިޔެވުން މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި އެއްވެސް ޖޫރިމަނާއެއް ނުވަތަ ޕެނަލްޓީއަކާ ނުލައި އަލުން ކިޔެވުން ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ދަރިވަރުންނަށް ދީފައިވާނެ ކަމަށްވެސް ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވިއެވެ.

މިއަދު އޮންލައިން