ތ. ވޭމަންޑޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ޖަލްސާގައެވެ.
ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ އެ ރަށުގެ ބިމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި 25 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫޢެއް ކަމަށާއި، މަސައްކަތް މެދުނުކެނޑި ކުރިއަށްގެންގޮސް އަވަހަށް ނިންމަވައިދެއްވާނެ ކަމަށެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމާއެކު، ވޭމަންޑޫގެ ބޯހިޔާވަހިކަމާއި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ ބިން އިތުރުވެގެންދާނެއެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.