އެއްވެސް ޤައުމަކަށް ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުޞަތު ނުދޭނަން: ޚާރިޖީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
އެއްވެސް ޤައުމަކަށް ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުޞަތު ނުދޭނަން: ޚާރިޖީ ވަޒީރު

އެއްވެސް ޤައުމަކަށް ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުޞަތު ނުދޭކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ހިންގަމުންދާ ހަނގުރާމައާއި ގުޅިގެން ޤައުމުތަކަށް ހަމަލާ ދިނުމަށް އެހީވުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރައްވާކަން ހާމަކުރައްވައި، ވަޒީރު ޑރ. ޚަލީލް ވަނީ އެފަދަ ކަންކަމަށް ޤައުމުތަކުން އެދެމުން ދިޔަ ނަމަވެސް ރާއްޖެއިން އެކަން ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، "ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ޤައުމަކަށް ހަމަލާ ދިނުމުގެ ބޭނުންކުރެވިފައި ނުވާނެކަމުގައި ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓްތައްވެސް ރިޖެކްޓް ކުރެވޭނެ ވާހަކަ ދަންނަވާލަން. އެއްވެސް ޤައުމަކަށް އެކަމުގެ ހުއްދައެއް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައެއް ނުދޭކަމުގައި ދަންނަވާލަން."

މި ބައްދަލުވުމުގައި ވަޒީރު ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެއިން ގެންގުޅޭ އުސޫލުތަކަށް އިޙްތިރާމްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ސަރަޙައްދު ބޭނުންކޮށްގެން އެހެން ޤައުމަކަށް ގެއްލުން ދިނުމަކީ ސަރުކާރުން އެއްވެސް ހާލެއްގައި ހުއްދަ ދޭނެ ކަމެއް ނޫންކަން ވަނީ ތަކުރާރު ކުރައްވާފައެވެ.

މިއަދު އޮންލައިން