ދިރިއުޅުން އުފާވެރިކުރެވޭނީ ދެމަފިރިންވެސް މި ދެކަންތަކަށް ސަމާލުކަންދިން ވަރަކުން! ދެމީހުންގެ ބޭނުން ތަފާތުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދިރިއުޅުން އުފާވެރިކުރެވޭނީ ދެމަފިރިންވެސް މި ދެކަންތަކަށް ސަމާލުކަންދިން ވަރަކުން! ދެމީހުންގެ ބޭނުން ތަފާތުވާނެ!

ބައިވެރިޔާގެ ކިބައިން ހިތްހަމަޖެހުން ލިބުމަށް އަންހެނުންނާއި ފިރިހެނުން ބޭނުންވާ ދެކަންތައް ވަރަށް ތަފާތެވެ. ވީމާ ކޮންމެ ދެމަފިރިއަކަށްވެސް އެ2 ކަންތައް އެނގެން އެބަޖެހެއެވެ. ޢަމަލުކުރެވޭނީ އެނގިގެން ކަމަށްވާތީއެވެ.  

ލޯބި އިތުރުކުރަން ނުވަތަ ހިތްހަމަޖެހުން ލިބެން ފިރިހެނުން ޢާންމު ގޮތެއްގައި އެންމެ ބޮޑަށް ބޭނުންވާނީ ބައިވެރިޔާގެ ސިފަ ރީތިވުމެވެ. ބަލައިލަން ރީތިނަމަ ގިނަ ފިރިހެނުންނަށް އޮންނަނީ ހިތްހަމަޖެހުން ލިބިފައެވެ. ފިރިމީހާ ގެއަށް އަންނައިރަށް ފެންވަރައި ޒީނަތްތެރިވެގެން ހުރުމުގެ މުހިންމުކަން ފާހަގަކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ.

ނަމަވެސް ގިނަ އަންހެނުން ބޭނުންވާނީ އޭނާއަށް ކުރެވޭ ރަނގަޅު ކަންކަމަށް ތަޢްރީފްގެ ބަސްތަކާއި، އޭނާދެކެ ލޯބިވާ ކަމުގެ ވާހަކަތައް އަޑުއަހާށެވެ. އަދި އެހެން ކަންކަމުގައިވެސް ވީހާ ގިނައިން ބައިވެރިޔާ ޢާއި ޥާހަކަދައްކަން ބޭނުންވާނެއެވެ.  

ބައެއް މީހުންނަކީ ޠަބީޢީ ގޮތުން ބަސްމަދު ބައެކެވެ. އެފަދަ ފިރިން މިކަމަށް ވިސްނަންވާނެއެވެ. އިތުރު ހިތްވަރެއް ލައިގެން ނަމަވެސް އަނބިމީހާ އާއި ވީހާ ގިނައިން ވާހަކަދައްކަން މަސައްކަތްކުރަންވާނެއެވެ.

ބައެއް މީހުން ބުނެއެވެ. "އަނބިމީހާ މާއަނގަގަދައީއެވެ." އެހެން އެބުނެވެނީ އަނބިން ދައްކާ ވާހަކަތަކަށް ޖަވާބު ނުދެވޭތީއެވެ. އެމީހުން ދައްކާ ވާހަކަތަކަށް ޖަވާބުނުދޭނަމަ ބަލާނީ ސަމާލުކަން ނުދެނީކަމަށެވެ. އެހެންވެ ސަމާލުކަން ލިބެންދެން އެވާހަކައެއް ދައްކާނެއެވެ. ތަކުރާރުކުރާނެއެވެ. އެއީ ގިނަ އަންހެނުންގެ ޠަބީޢަތުގައި ހުންނަ ސިފައެކެވެ.  

ވީމާ ދެމަފިރިން ލޯބިން އެކުގައި އުޅެން ބޭނުންވާނަމަ 2 މީހުންވެސް މިކަންކަމަށް ސަމާލުކަންދޭށެވެ! މިހުރީ އުފަލުގައި ދިރިއުޅުމަށް އެނެގެން ޖެހޭނެ އެންމެ އަސާސީ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމެވެ.  

- މަޢުލޫމާތު: އުސްތާޛާ ހީނާ ޚާން މުޚްތާރުގެ ދަރުސަކުން

މިއަދު އޮންލައިން