ބައެއް ބޮޑެތި ފިހާރަތަކުން ސޭލް އެޅުމުގެ މާކުރިން މިވެނި ދުވަސްވަރެއްގައި ސޭލް އަޅުވާނެކަމާއި މިވެނި އެވެނި ޢަދަދުތަކުން ބޮޑެތި ޑިސްކައުންޓްތައްދީގެން ވަރަށް ހެޔޮ އަގުގައި ތަކެތި ވިއްކާނެކަން މާކުރިން އިޢުލާނުކުރެއެވެ.
އެކަން އިޢުލާނުކުރުމުން އެސޭލުން ގިނަ މުދައި ހެޔޮ އަގުގައި ގަތުމަށް ކުރިއާލައި ތައްޔާރުވަމުއެވެ. ފައިސާ ޖަމާކުރަމުއެވެ. އެސޭލް އެޅުވުމުން ވީހައި ގިނަ މުދައި ގަނެފައި އެހައި ގިނަ މުދައި އެހައި ހެޔޮ އަގުގައި ގަނެވުނީތީ ފަޚުރުވެރިވެސްވަމުއެވެ.
ދުނިޔޭގެ ހުރިހާ ފިހާރަތަކަކުން އެއްފަހަރާ ކިތަންމެ ބޮޑު ސޭލެއް އުޅުވިނަމަވެސް އަރައި ހަމަނުކުރެވޭނެ މިއަހަރުގެ މާބޮޑު ސޭލް އެޅުވި ބާޒާރުކުރުމުގެ ފުރުޞަތު ގެއްލިގެންދާން ދާދިގާތްވެއްޖެއެވެ. އެއީ ބަރަކާތުން ފުރިގެންވާ ރަމަޟާން މަހެވެ. އެމަހަކީ އެމަހުގައި ކުރާ އަޅުކަމަށް އިމެއް ނެތި ޘަވާބު ދެއްވަވާ މައްސަރެވެ. ހިފާ ރޯދައަށް ޘަވާބު ދެއްވަވާނެވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ސުވާލަކީ މުޅި ދުނިޔެއާއި ނުބައްދަލު އެ ބިޔަބޮޑު ސޭލުން ތިބާ ބާޒާރުކޮށްފިންހެއްޔެވެ؟
ތަރާވީހްނަމާދާއި ތަހައްޖުދް ނަމާދު އެބަކުރަމު ހެއްޔެވެ؟ ކީރިތި ޤުރްއާން އެކަށީގެންވާ ވަރަކަށް އެބަ ކިޔަވަމުހެއްޔެވެ؟ ޞަދަޤާތްކުރުމާއި އެހެން އަޅުކަން އެބަކުރަމު ހެއްޔެވެ؟ އިތުރު މީހަކަށް ރޯދަވީއްލުންދޭން އެބަ ަމސައްކަތްކުރަމުހެއްޔެވެ؟
މުހިންމީ ތިމާ މޮޅަސް ކެއުމެއް ނޫނެވެ. ކިރިޔާ ފުދޭނެވަރަށް ކައިފައި އިތުރަށް އޮތްނަމަ ޞަދަޤާތްކުރާށެވެ. ޚާއްޞަކޮށް ފަހުދިހައިގެ ރޭތަކުގައެވެ.
މީސްތަކުންނޭވެ! "ރަމަޟާން މަސް އެމީހަކާއި ބައްދަލުކޮށް އެމީހާގެ ފާފަތައް ފުއްސަވައި ނުދެއްވެވި މީހާއަށް ހަލާކުހުރި (އެމީހަކީ ގެއްލެނިވެގެންވާ މީހެއް)" ކަމަށް ރަސޫލް ﷺ އާމީން ވިދާޅުވިކަން ހިނދުކޮޅަކަށްވެސް ހަނދާން ނައްތައިނުލާށެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން