އެއީ ތަނަވަސް މީހެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަނަހެން ކުއްޖެކެވެ. ލޯބީގެ ގޮތުން މީހަކާއި ގުޅި ކައިވެނިކުރަން ގާތްވެފައި ހުއްޓާ އޭނާއަށް އަންގައިވެސް ނުލާ އޭނާގެ ގެއަށް ދިއައީ ދެމީހުން އެކަނި ތިބެ ބައެއް ކަންކަމަށް މަޝްވަރާކޮށްލުމުގެ ބޭނުމުގައެވެ.
ގޭގެ ދޮރުކައިރިއަށް ހުއްޓުނުއިރު އަންހެނަކު ރޯއަޑުއިވެއެވެ. އޭނާއަށް މީހަކު އެއްޗެތިގޮވާއަޑުވެސް އިވެއެވެ. ވިސްނައިލުމުން އެއީ ލޯބިވެރިޔާކަންވެސް އެނގުނެވެ. އެކަން ޔަޤީންވުމުން ބެލްޖެހީމާ ދޮރުހުޅުވީ ލޯބިވެރިޔާއެވެ. އިތުރަށް ބަހެއްވެސް ނުބުނެ ވަދެގެން ދިއަގޮތަށް ހުއްޓުނީ ރޯން އިން އަންހެން މީހާގެ ގާތުގައެވެ. ބަލައިލިއިރު އެއީ މާބަނޑު އަންހެނެކެވެ.
އެތައް އިރަކު ގާތުގައި ހުރެ ކުރި ސުވާލުތަކުން އެނގުނީ އެއީ ލޯބިވެރިޔާގެ އަނބިމީހާކަމެވެ. އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް އަތުންނާއި މޫނުމަތިން ފެނެއެވެ. އެހިސާބުން އޭނާ ބުންޏެވެ. "އަހުރެންގެ ގާތުގައި އަންތބަކު ނެތްކަމަށް ބުނެ ވަރަށް ދޮގުތައް ހަދައިފީމުއެވެ. އެކަން މިހިސާބުން މިނިމުނީއެވެ. އަހުރެން މިގެއިން ނުކުންނަން ބޭނުންވަނީ މިއަންހެން މީހާ ގޮވައިގެންނެވެ. އެކަމަށް ހުރަސް ނުއަޅާށެވެ. ހުރަސް އަޅައިފިނަމަ ފުލުހުން ގެނުވާނަމެވެ. ގެވެށިއަނިޔާކުރާކަމުގެ ކުށުގައި ބަންދުވެސް ކުރުވާނަމެވެ.
މިހިރަ ނުބައި ނުލަފާ މީހާއެވެ! އަހުރެންގެ ބައްޕަގެ ހުރި ތަނަވަސްކަމަށް ދަހިވެތިވެގެން ތިއައުޅުނީ އަހުރެންނަށް ވަރުގަދަ ލަނޑެއްދޭންތާއެވެ! ކަލެއަށް ނުއެނގުނު ކަމަކީ އަނިޔާލިބެމުންދާ މީހުންގެ، ޚާއްޞަކޮށް މާބަނޑު އަންހެނުންގެ ދުޢާ ޢިޖާބަކުރައްވަވާނެ ކަމެވެ. އަހުރެންގެ ހިތް މިގެއަށް މިގަޑީގައި އަންނަން މަޖުބޫރުކުރުވީ އަހުރެންގެ ބާރަކު ނޫނެވެ. ކަލޭގެ އަޞްލު ސިފަ ދައްކަވަންވެގެންނެވެ. ކަލޭގެ އަނިޔާއިން މިއަންހެންމީހާ ސަލާމަތްކުރުމަކީ އަހުރެންގެ މައްޗަށް އޮތް ވާޖިބެކެވެ. އަހުރެންނާއި އިތުރަށް ވާހަކަދައްކަންވެސް މަސައްކަތްނުކުރާށެވެ!"
އެހެން ބުނެފައި އެއަންހެންމީހާ ގޮވައިގެން ދިއައީ ގެއަށެވެ. ކަންތައް މެދުވެރިވި ގޮތް ކިޔައިދިނުމުން މަންމައާއި ބައްޕަވެސް ޙައިޜާންވިއެވެ. އަދި އެހައި ރަނގަޅު ކުއްޖެއްގެ ގޮތުގައި ދަރިފުޅު ތަރުބިުއްޔަތުކުރެވުނުކަމަށްޓަކައި އުފާކުރިއެވެ.
ފިރިމީހާއަށް މަޖުބޫރުކުރުވައިގެން ވަރިކުރުވިއެވެ. އެއީ އޭނާއާއި އަޅައިލާނެ އެއްވެސް މީހަކު ނެތީމައެވެ. މުސްކުޅި މައިންބަފައިން ރަށެއްގައި ތިބީމައެވެ. އެގޭގައި އިނދެ ވިހައި ގަދަވުމުން ހެޔޮލަފާ މީހަކާއި ކައިވެނިކުރުވިއެވެ. ކައިވެންޏަށް ފަހުގައިވެސް އޭނާއަށް އެހީތެރިވިއެވެ.
އެއަންހެންމީހާއަކީ ނިކަމެއްޗެކެވެ. ތަޤްވާވެރިއެކެވެ. ފިރިމިހާގެ ކިބައިން ލިބެމުން އައި އަނިޔާތަކުން ސަލާމަތްކޮށްދެއްވެވުން އެދިގެން ކުރަމުން އައި ދުޢާ ޢިޖާބަކުރެއްވެވީއެވެ. އިން ޝާ ﷲ
މިއީ އަޅުގަނޑުގެ އެކުވެރި އަންހެނަކަށް ކަންކަން މެދުވެރިވި ގޮތެވެ. އަޅުގަނޑު ހުރިހާ އަންހެނުންނަށްވެސް ބުނެލަން ބޭނުންވަނީ އެޒުވާން ތަނަވަސް އަންހެނާފަދައިން ވުމަށެވެ. ނިކަމެތި ޙާލުގައި ތިބޭ އަންހެނުންނަށް ހެޔޮކޮށް ހިތުމަށެވެ. އެކަމަށް ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން ވަޒަންވެސް ނުކުރެވޭނެއެވެ. އިން ޝާ ﷲ
- ވާޞިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް