އަހުރެންމެ މިވާހަކަކޮޅު ޚާއްޞަ މިކުރަނީ ހަމައެކަނި ރަމަޟާންމަހުގެ ހަތާވީސްވިލޭރޭ އަޅުކަންކޮށްލައިގެން ލައިލަތުލްޤަދްރި ލިބިގަންނަން ވިސްނައި އެހެން ޜޭތަކަށް ކަންނެތްވާ މީހުންނަށެވެ.
މީސްތަކުންނޭވެ! ތަކުރާރުކޮށް މިބުނަނީއެވެ. ލައިލަތުލްޤަދްރިވިލޭރެއަކީ ކޮން ރެއެއްކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ހަމަ އެކަނި އެނގެން އޮތްހައިވެސް ވަރަކީ އެއީ ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރެއިން އޮނަހިރިރެއެއްކަމެވެ. ދެން ހުރީ ބައެއް ޢަލާމާތްތަކެވެ. ޢަލާމާތްތަކަކީ ބަދަލުވެސް ވެދާނެ ކަންކަމެވެ.
ވަރަށް ބާރަށް މިބުނަނީއެވެ! އެއީ މިވެނި ރެއެއް ކަމަށް ބަލައި، އަދި އެރޭ ފެނުން އެކަށީގެންވާ ޢަލާމާތްތައް ފެނުމުން އެރޭ އަޅުކަންކުރަން ހުންނަ މީހާއަކީ ރަމަޟާން މަސް ލިބިގަންނަން މަސައްކަތްކުރާ މީހަކަށް ނުވާނެއެވެ. އެފަދަ މީހުންނަށް އެއުޅެނީ ވަރަށް ބޮޑުކަމެއް އޮޅިގެންނެވެ.
ލައިލަތުލްޤަދްރި ވިލޭރޭ ޙާޞިލުކުރެވޭނީ ރަމަޟާން މަހުގެ ބަރަކާތް ޙާޞިލުކުރަން މަސައްކަތްކުރާ ބައަކަށެވެ. ރަމަޟާން މަހާއި ބައްދަލުވުމުން އެމީހުން މަސައްކަތް ފަށާނެއެވެ. އަދި ފަހުދިހަ އާއި ބައްދަލުވުމުން މަސައްކަތް އިތުރަށް ވަރުގަދަކުރާނެއެވެ.
ﷲ ތަޢާލާ ވަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ ތެރެއިން ރާއްވަވައިފައެވެ. ރަމަޟާން މަހާއި އަހުރެމެން ބައްދަލުކުރަނީ ޝަޢްބާން މަހުގައި ތަމްރީންތަކެއް ހަދައިފައެވެ. ފަހު 10 އާއި ބައްދަލުކުރަނީ ކުރީ 20 ގައި ވަރަށް ޚާއްޞަ ތަމްރީނުތަކެއް ހަދައިފައެވެ. ވީމާ ކާރުދުއްވާއިރު ބާރަށް ބަރުގޮނު އަޅާފައި އޯވަރޓޭކްކޮށްލާފައި ކުރިއަރާ އުޞޫލުން ރަމަޟާން މަހުގައި ޢމަލުކޮށް ﷲ ތަޢާލާގެ ޙަޟްރަތުން ކުރިއަރައިގެންދާން މަސައްކަތް ކުރުމެއް ނެތެވެ. ކާމިޔާބުކުރެވޭނީ ރިވެތިވެގެންވާ ތަރުތީބުގެ ތެރެއިން މަސައްކަތްކުރުމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން