ފާފަތަކުގެ ސަބަބުން ނަރަކައަށް ވަންނަންޖެހުނީމާވެސް ﷲ ގެ ރަޙްމަތްފުޅުން އުންމީދު ކަނޑާނުލާ މީހުންނަށް އޮތް އުފާވެރި ޚަބަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 48ސ
ފާފަތަކުގެ ސަބަބުން ނަރަކައަށް ވަންނަންޖެހުނީމާވެސް ﷲ ގެ ރަޙްމަތްފުޅުން އުންމީދު ކަނޑާނުލާ މީހުންނަށް އޮތް އުފާވެރި ޚަބަރު!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ނަރަކައަށް ވަންނަން ޖެހިއްޖެނަމަ އެތަނުން ސަލާމަތް ނުވެވޭނެ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތްގޮތް ނޫންކަން ތިރީގައިވާ ލިޔުމުންވެސް އެނގިލައްވާނެއެވެ. އިން ޝާ ﷲ 

މިގޮތުގެ ބައެއް މިސާލީ، ނަރަކައިގައި މިއުރެން ތިބޭދުވަސްވަރުގައި އެއިތެރެއިން އެކަކު ނަރަކައިގެ އަޑީން އަޑުގަދަކޮށްގެން ހަޅެއިލަމުންއައިސް އެތައްދުވަހަކުން ދޮރުގެ ކައިރިއަށް އަތުވެދާހުއްޓެވެ. مَالِكُ ވިދާޅުވާނެޔޭ. ކަލޭގެ އެހެންމީހުނަށްވުރެ ހަޅެއި ގަދަކޮށްގެން އުޅެނީ ކިޔެއްވެގެން ހެއްޔެވެ. 

އެމީހާ ބުނާނެޔޭ. އަހުރެނާއިމެދުގައި ހިސާބު ބައްލަވައި ނަރަކައަށް ފޮނުއްވިއިރުވެސް އަހުރެންގެ ހިތެއް ކަލާނގެ رَحْمَة އަކުން ކެނޑިއެއްނުގަނެއެވެ. އަދި މާތްރަސްކަލާނގެއީ، ހުރިހާ އަޑެއް އައްސަވައި ވޮޑިގެންވާ ކަލާނގެކަން ރަނގަޅަށް ދަންނަމެވެ. މިހެންވެގެން ހަޅެއިލައި އުޅެނީއެވެ. އެމީހާވެސް ހަމައެވަގުތަށް ނަރަކައިން ނެރުއްވައި ސުވަރުގެއަށް ލައްވައިފާހުއްޓެވެ. މިކަހަލަ ކިތަންމެ ގޮތަކުން ކިތަންމެ ސިފަސިފައަކުން މީހުން ނަރަކައިން މިންޖު ކުރައްވައި. ސުވަރުގެއަށްލައްވާހުއްޓެވެ.

އަދިވެސް آخرة ގެ حكم ތަކުގެ ތެރެއިންވާ عجائب ކަމެކޭ، އަޅާ، ކަލާނގެ حضرة އަށްގެންދަވައި އެމީހާގެ ހިސާބުބައްލަވައި، ބަސް وَحِى ކުރައްވައި އެމީހާގެ ކުށްތައް ބަޔާންކުރައްވައި ހައްދަވާއިރު އެމީހާ ހީކުރާނެޔޭ. ހިންގަވާކަމަކީ، ތިމަންނާގެ ކަންތައް އެކަންޏެވެ. އެއިރު އެހިނދުކޮޅުން ހަމައެފަދައިން އެމީސްމީހުންގެ އަދަދު އެކަލާނގެ ރަސްކަންފުޅަށް މެނުވީ އެނގިގެން ނުވާފަދަ ގިނަމީސްތަކުންގެ ކަންތައް ހިންގަވައި ނިންމަވަތެވެ. ކޮންމެމީހަކުމެ ހީކުރާހުށީ، މިވަގުތުގެ ހިސާބުބެއްލެވުމާއި ކަންތައް ހިންގެވުން ހުރީ ތިމަންނާގެ މައްޗަށް އެކަނިކަމުގައެވެ. ހަމަ އެފަދައިން އޭގެ އެކަކު އަނެކަކަށް ނުފެންނަ  ހުއްޓެވެ. އެކެއްގެ އަޑެއް އަނެކަކަށް ނުއިވޭ ހުއްޓެވެ. ކޮންމެ މީހަކުމެ ވާހުށީ ކަލާނގެ ހެޔޮފުޅުވަންތައްކަމުގެ ނިވަލުގައެވެ.  

އެކަލާނގެ عِزَّة ތެރި ވަންތަކަމުގެ ކަންތައް މިފަދައިންވާ ކަލާނގެ ހުސް طَاهِر ވަންތަ ކަމުގެ ބޮޑުކަމާއެވެ. އެކަލާނގެ ކަނޑައަޅުއްވައި وحى ކުރައްވާފައި ކީރިތި قرآن ގައި އެވަނީޔޭ مَّا خَلْقُكُمْ وَلَا بَعْثُكُمْ إِلَّا كَنَفْسٍۢ وَٰحِدَةٍ މިއާޔަތުގެ مَعنى އީ، އިބުރެމެން ހެއްދެވުމާއި محشر އަށް ފޮނުއްވުމާއި މިކަންކަން އެންމެ ނޭވައެއް ފަދައިން ނޫނީ ނުވެއެވެ. މިބަސްފުޅުގައި مَلَكُوتَيَّ ސިއްރުތަކުގެ ތެރެއިން ވަރަށްބޮޑު ސިއްރެއްވެއެވެ. މިހެނީ އެކަލާނގެ ރަސްކަމަކަށް އެއްވެސްމިނެއް، ވަކި حَدّ އެއް، ކޮޅެއް ނުވެއެވެ. فَسُبْحَانَ مَنْ لاَ يَشْغُلُهُ شَأْنٌ عَن شَأْنٍ 

އަދި މިފަދަ حَال ގައި އެކިއެކިމީހުން އެމީހުންގެ ދަރީންގާތަށްގޮސް ބުނާނެޔޭ. އޭދަރިފުޅާއޭ. އަހުރެން ކަލެއަށް އެއްވެސް ކަމެއްގެ މައްޗަށް ކުޅަދާނަވެގެން ނުވާއިރު ކާންބޯންދީ އަންނައުނުދީ ނުހަދަންހެއްޔެވެ. ކަލެއަށްޖެހޭހައި އުނދަގުލެއް دفع ކޮށްދީ އުފާވާނޭހައި ކަމެއް ހޯދައިދިނީމެވެ. މިހާރުގެ حال ފެނޭނޫންހެއްޔެވެ. މިއިން ބުރައެއްގައި ހިފައި މިބަފަޔަށް ކޮންމެވެސް ހެޔޮކަމެއްދީ ހަދާށެވެ.  

އެއިރުން އެދަރި ދުއްވައިގަންނަހުށީ ފިލާށެވެ. އަދިބުނާނެއެވެ. ކަލޭގެއަށްވުރެ ތިޔަފަދަ ކަންތަކަށް އަހުރެންގެ ބޭނުންވަނީ މާބޮޑުވެގެންނެވެ. މިހެން ކަންތައް ނުކުރާނޭ ހަމައެކަކު އެތާގައި ނުހުންނަ ހުއްޓެވެ. މިއީ މާތްރަސްކަލާނގެ وَحِى ކުރެއްވި މި آية ގައިވާ ފަދައިން ނެވެ.  يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ، وَأُمِّهِ وَأَبِيهِ ، وَصَـحِبَتِهِ وَبَنِيهِ ، لِكُلِّ امْرِىء مِنْهُمْ يَوْمَئِذ شَأْنٌ يُغْنِيهِ މި آية ގެ معنى އީ، އެދުވަސް އަތުވެއްޖިއްޔާއި، އިންސަނާ އެމީހާގެ أخا ގެ ކިބައިން ، މައިންބަފައިންގެ ކިބައިންނާއި، އަނބިމީހާ އާއި ދަރީންގެ ކިބައިން ފިލާން ދުވާހުއްޓެވެ. ކޮންމެ މީހަކުމެ مشغول ވެގެން ހުންނަހުށީ ތިމާގެ އަމިއްލަ حال އާއި ގެނެވެ. އަނެކެއްގެ ކަމަކާއި مشغول ވުން ފިއަވައި ތިމާގެ ކަންތަކުން ހުންނާނީ ފުދިފައެވެ.  

حديث ގައި ވެޔޭ މީސްތަކުން محشر އަށް ފޮނުއްވޭހުށީ عُرِيَان حَالُ ގައެވެ. މި حديث އައްސަވާފައި عائشة ގެފާނުން ދެންނެވިޔޭ. އޭ ހުރި ލަދެއްގެ ބޮޑުކަމާއެވެ. އެކަކު އަނެކަކު ނުދެކޭނޭތޯ އެވެ.  حديث ކުރެއްވިޔޭ  لِكُلِّ امْرِىء مِنْهُمْ يَوْمَئِذ شَأْنٌ يُغْنِيهِ އެވެ. ފަހެ މި آية ގެ ޖަވާބުދެއްވުމުގެ مُرَاد ފުޅަކީ، އެދުވަހުގެ ބިރުތަކުގެ ބޮޑުކަމާއި އެމީހަކު އެމީހަކާއި މެދުގައި ކުރަންޖެހިފައިވާ ހިތަމައާއި ފިކުރުގެ ބޮޑުކަމުން ތިޔަބެލުމެއް އެކަކު އަނެކަކު ބަލައެއް ނުއުޅޭނެތެވެ.

 

- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

 

މިއަދު އޮންލައިން