މިހާރަކަށް އައިސް ކައިވެނި ރޫޅައިލުން މިހާގިނަވެގެން މިދަނީ ހަމަ އެކުގައި ދިރިއުޅެވޭނެ މަގެއް ނެތުމުން ކަމަށް ބުނެވޭކަށް ނެތެވެ. ވަރިވުމަށްފަހު ނުވަތަ ވަރިކުރުމަށްފަހު ގިނަ ބައަކު އެކަމަށް ހިތާމަކުރާކަން އެއީ މިބުނީ ތެދެއްކަން އަނގައިދޭ ކަމެކެވެ.
ޚާއްޞަކޮށް ބުނެލަން ބޭނުންވަނީ އަންނަ ރުޅިމަތީގައި ވަރިކޮށްލާ ނުވަތަ ވަރިވާ މީހުންގެ ތެރެއިން ގިނަ މީހުން އެކަމާއިމެދު ފަހުން ދެރަވެއެވެ. އަމިއްލައަށް ލިބިގަނެވުނު ދެރައާއިމެދު ހިތާމަކޮށް ކަރުނައަޅައެވެ. މިއީ ދިރާސާތަކުން އެނގޭ ކަމެކެވެ.
ރުޅިމަތީކަންތައް ކުރެވުނު ގޮތާއިމެދު ހިތާމަކޮށް ކަރުނައަޅާއިއރު ޝައިޠޯނާ ބާރަށް ހިނިގަނޑުޖަހާނެއެވެ. އޭތި އެންމެ އުފާވާކަންތައް ކާމިޔާބުކުރެވުނީތީއެވެ. ދެމަފިރިން ދުރުކުރެވުމަކީ ޢޭތި އެންމެ އުފާވާ ކަންތައްކަމަށްވާތީއެވެ.
ރުޅިކޮންޓްރޯލް ނުކުރެވޭ މީހުންނަކީ ރުޅިއައުމުން ބުއްދިފިލައިދާ ބައެކެވެ. އެހެންވެ ރުޅިމަތީގައި ނުވަތަ ރުޅިއަންނަ ވަޤުތުކުރާ ވަރިއަކީ ވަރިއެއް ކަމަށް ބަލައިގަންނަން ބައެއް ޢިލްމުވެރިން ދެކޮޅު ހައްދަވައެވެ. އެހެނީ އެފަދަ މީހުން އެވަޤުތު ތިބެނީ ހަމަބުއްދީގައިކަމަށްނުވާތީއެވެ.
ކައިވެނިތައް ފަސޭހައިން ރޫޅިގެންދާއިރު އެކުވެރިން އަދާކުރަންޖެހޭ ދައުރުވެސް ވަރަށް މުހިންމެވެ. އެކުވެރިންގެ ކަމަކަށްވާންޖެހޭނީ އެކުގައި މަޖާކުރުން އެކަންޏެއް ނޫނެވެ،. އެކުވެރިންގެ އެންމެ ބޮޑު ބޭނުމަކަށްވާނީ ތިމާއަށް ކުރެވޭ ނުރަނގަޅު ކަންކަން ހުއްޓުވުމެވެ. އަދި އެކުވެރިޔާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީވެސް އެއީއެވެ. އެކުވެރިން ކުރާ ނުރަނގަޅު ކަންކަން ހުއްޓުވަން މަސައްކަތް ނުކުރެވޭނަމަ އެފަދަ އެކުވެރިން ތިބުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
އެކުވެރިން ދެކެ ލޯބިވުމަކީ ނުވަތަ ހެޔޮއެދުމަކީ އެކުވެރިން ކުރަން ބޭނުންވާހައި ކަންކަމަށް ތާއީދުކޮށް ހިތްވަރުދިނުމެއް ނޫނެވެ. ޚާއްޞަކޮށް ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައެވެ. ކައިވެނި ރޫޅާލަން އެކުވެރިޔާ އުޅޭނަމަ އެކުވެރިންނަށް އޮތީ މައްސަލަ ޙައްލުކޮށްގެން އެކުގައި ދިރިއުޅެން ނަޞޭޙަތްދީ ބާރުއެޅުމެވެ.
އެކުވެރިން އެކަމަށް ރުހެންވާނީ އެދެމީހުންނަށް އެކުގައި ދިރިއުޅެވޭނެ އިތުރުގޮތެއް ދެން ނެތްކަން ޔަޤީންކުރުމަށްފަހުގައެވެ. މައްސަލަ ޙައްލުކުރަން އެކުވެރިންގެ ޙައިޞިއްޔަތުން ކުރެވެން ހުރި ހުރިހާ މަސައްކަތްކުރުމަށްފަހުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން