ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެ ފަސް މީހަކު ނިޔާވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެ ފަސް މީހަކު ނިޔާވެއްޖެ!

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު ނިޔާވެއްޖެއެވެ. މި ހާދިސާގައި އިތުރު ބަޔަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. ނަމަވެސް، އޭގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ. އަލިފާނުގެ މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މރޭ ދަންވަރު 2:00 އެހައިކަންހާއިރު ކަމަށާއި ރިޕޯޓު ލިބުމާއެކު ކުރި މަސައްކަތުން، ރޯވި އަލިފާން މިހާރު ވަނީ އެއްކޮށް ނިއްވާލާފައި ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނިވަޑައިގަންނަވައެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

މިއަދު އޮންލައިން